ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ނިންމާފައި އޮތް ގޮތަށް، ކުރިއަށް އިތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރެއްވީ، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބަށް ކަމަށެވެ.

ނަމަވެސް މިފަހަރު އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިގެންފައިނުވާ ކަމަށާއި އެކަށީގެންވާ އަދަދަށް ވޯޓު ލިބިވަޑައިގެންފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެކަށީގެންވާ އަދަކަށްވީހީ އެމަނިކުފާނަށްވެސް އަށްޑިހަ ހާހެއްހާ ވޯޓު ލިބިވަޑަިއގެންނެވި ނަމަ،"

ރައީސް ނަޝީދު ވިދާޅުވީ، މިފަހަރުގެ އިންތިހާބު އިލިޔާސް ލަބީބަށް ކާމިޔާބު ނާކާމިޔާބުވެވަޑައިގެންނެވުމުން، ޑިމޮކްރެޓްސްއިން ނިންމާފައި އޮތް ގޮތަށް، އިންތިހާބުގެ ދެވަނަ ބުރުގައި، އެމްޑީޕީގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ، ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ސޯލިހާ އެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމާބެހޭ ގޮތުން، ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނުގެ ތާއީދަށް ރައީސް ސޯލިހު އެދިވަޑައިގެންފައިނުވާ ކަމަށެވެ.

ނަަމަވެސް އެ ބައްދަލުވުމަށްފަހު މީޑިޔާތަކަށް ރައީސް ސޯލިހު ވިދާޅުވީ، ދެވަނަ ބުރެއްގައި ރައީސް ނަޝީދުގެ ތާއީދު ހޯދުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، އެ ބައްދަލުކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތަކާއި ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓުގެ މަސައްކަތް ރިޔާސީ އިންތިހާބަށްފަހު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.