ޚަބަރު

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސެއްގެ ގޮތުގައި 7000 ރުފިޔާ ދެނީ

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސެއްގެ ގޮތުގައި 7000 ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ސޯލިހު އިއުލާންކުރެއްވީ މިރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ހަރަކާތް، ހުވަދޫ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ހިލޭ ޑިގްރީ އާއި ސްކޮލަޝިޕްތައް ދިނުމާއި، ރަށްރަށުގެ ސްކޫލުތަކުގެ އުމްރާނީ ތަރައްގީ އާއި ރަނގަޅު ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ޕްރިންސިޕަލުން ތަމްރީނުކޮށްގެން ރަށްރަށުގެ ސްކޫލުތަކަށް ގެންދެވޭ ކަމަށެވެ.

"މިއަދު އޭގެ ތެރެއިން ބައެއް ޕްރިންސިޕަލުންނަށް ދިމާވާ އެއް ކަމަކީ ރަށް ދޫކޮށް، އެހެން ރަށެއްގައި ދިރިއުޅެން ޖެހުން. ދިރިއުޅެން ޖެހުމުން ލިވިންއަށް، ގެދޮރު ކުއްޔަށް ހިފަން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ މައްސަލަ އެބައާދޭ. އޭގެ ޕްރިންސިޕަލުން އަޅުގަނޑުމެންނާ ބައްދަލުކޮށް، ވާހަކަދެއްކި. އަޅުގަނޑުމެން އެކަމަށް ހައްލެއް ހޯދައިދިނުމަށް މިހާރު ވާނީ ނިންމާފައި. އެގޮތުން އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ހައުސިން އެެލަވަންސެއްގެ ގޮތުގައި އިތުރު 7000 ރުފިޔާ އަޅުގަނޑުމެން ދޭން މިހާރު ނިންމައިފިން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދައުރުގައި ހަމައެކަނި ރާއްޖެތެރޭގެ އެކިއެކި ސްކޫލުތަކުގައި 1200 އަށްވުރެ ގިނަ ސްކޫލު ހަދައި، 80 އަށްވުރެ ގިނަ މަލްޓިޕާޕަސް ހޯލު ހެދިފައިވާ ކަމަށެވެ. އަދި އެކަންކަން އެމަނިކުފާނަށް ކޮށްދެވޭނީ ވެރިކަމުގައި ހުންނަވައިގެން ކަމުން ރައްޔިތުން އެކަމާ ވިސްނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.