ޚަބަރު

ދެވަނަ ބުރުގެ ކެމްޕޭނަށް ރައީސް އަތޮޅުތެރެއަށް ވަޑައިގަންނަވަނީ

މުހައްމަދު އިޝާން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަތޮޅުތެރެއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ އިންތިހާބުގެ 38.2 ޕަސަންޓެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވީ 101،581 ވޯޓެވެ. އެއީ އިންތިހާބުގެ 45.1 ޕަސަންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ތެރެއިން މިއަދު ކުރިއަށްގެންދިޔަ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މާލޭގައި ކުރިއަށްގެންދާ ކެމްޕޭން ހަރަކާތްތަކަށްފަހު، އަތޮޅުތެރެއަށް ކެމްޕޭނަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ކެމްޕޭން ހަރަކާތްތައް މާލޭގައި މި ހަފުތާ ކުރުމަށްފަހުގައި އަޅުގަނޑު ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ދަތުރުކުރާ ގޮތަށް މިއޮތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަ ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީގެ ގިނަ ބައެއްގެ ތާއީދު ދަނީ ލިބެމުން ކަމަށެވެ.

"އަޅުގަނޑު ހިތުން މިއަދުވެސް ތިބޭފުޅުންނަށް އޭގެ ބައެއް ބޭފުޅުންގެ އެންޑޯޒްމެންޓްތައް ފެނިފަވާނެ އަދި ކުރިއަށް މިއޮތް ހައެއްކަ ގަޑިއިރު ތެރޭގައި ފެންނާނެ. ޖޭޕީގެ މެޖޯރިޓީ ކަހަލަ ގޮތަކަށް އެމްޑީޕީއާ އެކީގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރާ ތަން މިހާރު ތިބޭފުޅުންނަށް ފެންނާނެ. އިރާދަކުރެއްވިއްޔާ ވެގެންދާނެ އަޅުގަނޑުމެން ކުރިއަށް މި އޮތް ދެ ވަނަ ބުރުގައި ކާމިޔާބުކުރުމަށްޓަކައި ލިބޭ ވަރަށް ރަނގަޅު ފާލަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއެކު އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރެވުނު ނަމަ، އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރަން ފަސޭހަވީސް ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ މިހާތަނަށް މި ކުރެވުނު މަސައްކަތުން ޑިމޮކްރެޓްސްގެ ބޮޑު ބައެއް އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރަން މިހާރު ނުކުމެ އެބަތިބި،" ރައީސް ވިދާޅުވިއެވެ.

އެނބުރި އަނިޔާވެރިކަމާއި ބިރުވެރިކަމަށް އެނބުރި ދާން ބޭނުންނުވާތީ ފުރަތަމަ ބުރުގައި ވޯޓުލާން ނުދިޔަ މީހުން، ދެވަނަ ބުރުގައި ތިބީ އެ މަނިކުފާނަށް ވޯޓުލާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.