ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަ ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީގެ ގިނަ ބައެއްގެ ތާއީދު ލިބެމުން އަންނަ ކަމަށް އެމްޑީޕީގ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގެ ތެރެއިން މިއަދު ކުރިއަށްގެންދިޔަ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފަސޭހަވާނެ ކަމަށެވެ.
"އަޅުގަނޑު ހިތުން މިއަދުވެސް ތިބޭފުޅުންނަށް އޭގެ ބައެއް ބޭފުޅުންގެ އެންޑޯޒްމެންޓްތައް ފެނިފައިވާނެ އަދި ކުރިއަށް މިއޮތް ހައެއްކަ ގަޑިއިރު ތެރޭގައި ފެންނާނެ. ޖޭޕީގެ މެޖޯރިޓީ ކަހަލަ ގޮތަކަށް އެމްޑީޕީއާ އެކީގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރާ ތަން މިހާރު ތިބޭފުޅުންނަށް ފެންނާނެ. އިރާދަކުރެއްވިއްޔާ ވެގެންދާނެ އަޅުގަނޑުމެން ކުރިއަށް މި އޮތް ދެވަނަ ބުރު ކާމިޔާބުކުރުމަށްޓަކައި ލިބޭ ވަރަށް ރަނގަޅު ފާލަކަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއެކު އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރެވުނު ނަމަ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރަން ފަސޭހަވީސް ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ މިހާތަނަށް މި ކުރެވުނު މަސައްކަތުން ޑިމޮކްރެޓްސްގެ ބޮޑު ބައެއް އަޅުގަނޑުމެންނާ އެކީގަ މަސައްކަތް ކުރަން މިހާރު ނުކުމެ އެބަތިބި،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިހާރު މާލޭގައި ކުރިއަށްގެންދާ ކެމްޕޭން ހަރަކާތްތަކަށްފަހު، އަތޮޅުތަކަށް ކެމްޕޭނަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެނބުރި އަނިޔާވެރިކަމާއި ބިރުވެރިކަމަށް އެނބުރި ދާން ބޭނުންނުވާތީ ފުރަތަމަ ބުރުގައި ވޯޓުލާން ނުދިޔަ މީހުން، ދެވަނަ ބުރުގައި ތިބީ އެ މަނިކުފާނަށް ވޯޓުލާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެނބުރި ނާމާންކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާކަށް ތިމަންނަމެން ބޭނުމެއް ނޫނޭ. އެހެންވީމަ، ވަރަށް ބުރަކޮށް ތިމަންނަމެން މަސައްކަތް ކުރާނަމޭ. އަދި ނުކުމެ މި ތިބީ އަމިއްލައަށް އިސްނަގައިގެން ޓީމުތައް ހަދައިގެން އެބަ މަސައްކަތްކުރަމޭ،" ރައީސް ވިދާޅުވިއެވެ.