ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށާއި އެއީ އަނިޔާވެރިކަމުގެ ފިކުރަކާއި ހެޔޮ ވެރިކަމުގެ ފިކުރެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ ފާއިތުވި 18 އަހަރު ކުރި މަސައްކަތްތައް އަދިވެސް ކުރިއަށްގެންދަން ޖެހޭ ކަމަށާއި މަގުމަތީގައި އެތައް ޒަމާނެއް، އެތައް އަހަރެއް، އެތައް ދުވަހެއް ހޭދަކުރެވިއްޖެ ކަމަށެވެ.
"ޕެޕާ ސްޕްރޭތަކާއި މުގުރަށާއި އެސްއޯ ފުލުހުންގެ އަނިޔާތަކަށް އަޅުގަނޑުމެން އެ ދުވަހަކު ބިރެއް ނުގަނޭ. މިއަދު އަޅުގަނޑުމެން ބިރު ގަންނަންވީ ހެއްދެވި ފަރާތް ދެކެ އެކަނި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބިރަކާ ނުލައި ވޯޓުން ބަލިކުރާނީ މި އަނިޔާވެރިކަން ދިވެހިރާއްޖެއިން މާޒީއަކަށް ހެދުމަށް. އަޅުގަނޑުމެން މި ކުރާ ދަތުރުތަކަކީ އެކަން ކުރުމަށް އަޅުގަނޑުމެން ތިބޭފުޅުންނާއެކީ ކުރާ ދަތުރެއް. ދެން ވިސްނަވާ ދިވެހިރާއްޖޭގައި މިއޮތީ ސިޔާސީ ދެ ވިސްނުމެއް. އެއީ އަނިޔާވެރިކަމުގެ ފިކުރަކާއި ހެޔޮ ވެރިކަމުގެ ފިކުރެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ އަނިޔާވެރިކަމެއް ގަލޮޅުގެ ރައްޔިތުން ހަނދާނެއް ނުނެތޭނެ ކަމަށާއި ކޮންމެ ބޭފުޅަކީ ވެސް މި ދަތުރުގައި އެތައް އަނިޔާތަކެއް ތަހައްމަލުކުރި ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އަނިޔާވެރިވާނެ ބޭފުޅެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ހުންނެވި ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އަޅުގަނޑު ތާއީދުކުރަނީ ހަމަ ޔަގީނުން ވެސް އަނިޔާވެރިއެއް ނުވާނެތީވެ. އަޅުގަނޑު ތާއީދުކުރަނީ މި އިންނެވި ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެންގެ ކެންޑިޑޭޓު ވައްކަން ނުކުރައްވާނެތީވެ. އަނިޔާވެރިއެއް ނުވާނެ، ވައްކަން ނުކުރައްވާނެ، ތިބޭފުޅުން ޔަގީންކުރައްވާ. ތިބޭފުޅުންގެ އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ މަސައްކަތްކުރައްވަނީ ރައްޔިތުން އުފާވެރި އަމާން ރާއްޖެއަކަށް ގެންގޮސްދިނުމަށް ކަމަށާއި އެ މަސައްކަތް ކާމިޔާބުވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި އުންމީދުކުރައްވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައީސް ސޯލިހު ބޮޑުތަނުން ކާމިޔާބުކުރެއްވުން ކަމަށް ވިދާޅުވިއެވެ.