Close
ޚަބަރު

މަޖިލީހުން ނިންމައިފިނަމަ އޮކްޓޫބަރުގައި ނިޒާމީ ވޯޓު ނަގަން ދެވަނަ ބުރުގެ ކުރިން އީސީއަށް އަންގާނަން: ރައީސް

މުހައްމަދު އިޝާން

ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނިޒާމީ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިނަމަ، އޮކްޓޫބަރުގައި ނިޒާމީ ވޯޓެއް ނެގުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ތެރެއިން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން މިހާރު ހުށަހަޅާފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. ނިޒާމީ ވޯޓަކަށް ތައްޔާރުވާން 30 ދުވަހުގެ މުއްދަތެއް ބޭނުންވާނެކަން އީސީން އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގެ ތެރޭ އެ ވޯޓު ނަގަން ކަނޑައަޅައިފި ކަަމަށްވާ ނަމަ، ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން އިލެކްޝަން ކޮމިޝަނަށް އެކަން ކުރުމަށް އަޅުގަނޑަށް ރިކްއެސްޓް ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިން ނިޒާމީ ވޯޓެއް ނަގަން ފާސްކޮށްފިނަމަ، އެ ނިންމުމާ އެއްގޮތަށް އެފަދަ ވޯޓެއް ނަގަން ރައްޔިތުންނާ ހަމަައަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ގާނޫނު ލާޒިމުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ވޯޓެއް ނަގަން ރައްޔިތުންނާ ހަމައަށް ފޮނުއްވައި، ދެން ކުރިއަށްދާނެ ގޮތަކާމެދު ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ނިޒާމް ބަދަލުކުރަން ނުފެންނަ ނަމަ، އަޅުގަނޑު ނުޖެހޭނެ ތަސްދީގު ކުރާކަށް، ފެނިއްޖެއްޔާ ދެން އޮންނާނީ އޭގެ ތެރެއިން ސަރުކާރު ބައްޓަން ކުރާ ގޮތް އެކި ގައުމުތަކުގައި އެކި ގޮތަށް އެބަހުރި، ބާރުތައް ބައިކޮށްފައި ވެސް އެބަހުރި ރައީސަކަށް ވަކި ބާރުތަކެއް ދީފައި ބޮޑުވަަޒީރަކަށް ވަކި ބާރުތަކެއް ދީފައި ހުންނަ ނިޒާމެއް ވެސް އެބަ އޮތް،" ރައީސް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ތާއީދު ކުރައްވާތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެކަމާ ގުޅޭގޮތުން މައުލޫމާތު ހާމަކުރައްވާނީ ގޮތެއް ނިންމުމުން ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހަށް ބަލައިގަނެފައިވަނީ އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެކުގައެވެ. އެ ގަރާރު މަޖިލިހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ގަރާރު ބަލައި ނުގަންނަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ނަމަވެސް ދެވަނަ ބުރެއްގައި ޑިމޮކްރެޓްސްއިން އަމަލުކުރާނެ ގޮތެއް ނިންމުމަށް ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގަރާރަކުން ފާސްކުރީ މި މަހުގެ 28 ގައި ނިޒާމީ ނޯޓެއް ނަގައި، އެކަމަށް މާދަމާގެ ކުރިން އެއްބަސްވެ، ސޮއިކުރުމަށް ވެރިކަންކުރާ އެމްޑީޕީއަށް ހުށަހެޅުމަށެވެ. އަދި ޕީއެންސީގެ ސަރުކާރުން ހިއްސާއަކަށެވެ. އެކަންކަމަށް އެއްބަސްނުވެއްޖެ ނަމަ އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.