ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.
ކޯރަމް ހަމަ ނުވެގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކުރިއަކަށް ނުގެންދެވުނެވެ. އެކަމާ ގުޅިގެން މަޖިލިސް ރައީސްގެ ފާޑު ކިޔުންތައް އިއްޔެ ރައްދުކުރެއްވީ އެމްޑީޕީއަށެވެ. މިއަދުގެ ޖަލްސާއަށްވެސް ކޯރަމް ހަމަވާ އަދަދަށް ޖަލްސާ ކުރާ މާލަމަށް މެންބަރުން ވެދެވަޑައިގަންނަވާތޯ އިންނެވުމަށްފަހު ކޯފާ އިސްކުރައްވައި މަޖިލިސް ރައީސް ވަނީ ރައްޔިތުންގެ މަޖިލިސް ހުއްޓުވަމުން ގެންދަވަނީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަމާ ބައިވެރިވެވަޑައިގަންނަވައިގެން ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވާ ކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.
އެކަމަށް ރައްދުދެއްވައި ރައީސް ވިދާޅުވީ މަޖިލިސް މަސައްކަތަށް ހުރަށް އަޅުއްވާ ކަމަށް ނަޝީދު ވިދާޅުވަމުންގެންދަވާ ވާހަކަތަކަކީ ދޮގެއް ކަމަށާއި މަޖިލިސް ހުއްޓުވުމުގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
"އެއީ މުޅިން ދޮގު ވާހަކައެއް. އަޅުގަނޑުމެން ނުކުރާނެ އެފަދަކަމެއް. އަޅުގަނޑަކީ 25 އަހަރު މަޖިލީހުގައި އުޅެފައި ހުރި މީހެއް. މަޖިލީހުގެ ކަންތައްތައް ހިނގާ ގޮތް އަޅުގަނޑަށް ވެސް ކޮންމެވެސް ވަރަކަށް އެނގޭ. މަޖިލީހުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތާ ބެހޭ ގޮތުން ކަން ވާގޮތް އަޅުގަނޑަށް އެނގޭ. އެހެންވީމަ އަޅުގަނޑުމެން ހަމަ ގައިމު ވެސް އޭގެ ތެރެއަށް ނުވަންނާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައެއް ޖަލްސާތަކަށް ބައެއް މެމްބަރުން ހާޒިރުވެވަޑައި ނުގެންނެވި ނަމަވެސް، މަޖިލިސް ޖަލްސާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު މެންދުރު 12:30 އާ ހަމައަށް ރައީސް ނަޝީދުގެ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
ރައީސް ސޯލިހަށް، މަޖިލިސް ރައީސް މިއަދު ފޮނުއްވެވި ސިޓީގައި މަޖިލީހުގެ ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތިންވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ގަވާއިދަށް އުނިކަން އަންނަފަދަ އެއްވެސް އަމަލެއް ހިންގައިފިނަމަ، ނުވަތަ މަޖިލީހުގެ ގަވާއިދަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.
އަދި ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ މަޖިލީހުގެ ރައީސްއަށް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރައީސް ސޯލިހުގެ ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިމާރާތަށް ހާޒިރުވެވަޑައިގެން ތިއްބަވައި، މަޖިލީހުގެ ހާޒިރީގައި ސޮއިކުރެއްވި ނަމަވެސް މަޖިލީހުގެ ޖަލްސާކުރާ މާލަމުގެ އެތެރެއަށް ވަދެވަޑައިނުގަންނަވައި ތިއްބަވައި މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަކުރެއްވުމަށް ދަތިކުރައްވައި މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
އަދި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަމުން ގެންދަވަނީ ރައީސް ސޯލިހު ކަނޑައެޅިގެން އެކަމުގައި ބައިވެރިވެވަޑައިގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ދިވެހި ދައުލަތުގެ ބާރުތައް މަނިކުފާނުގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓުވާލެއްވުމަށް ތިޔަ ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުންމަތީ ދެމިހުންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަނުދީ މަޖިލިސް ކުރިއަށް ގެންދިއުމަށް އަޅުގަނޑު ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނޭ ކަމުގައި ދަންނަވަމެވެ،" ރައީސް ސޯލިހަށް ނަޝީދު ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.