ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ޓީމަށް ދޮގު ހަދައި، އަނިޔާކޮށް ބިރުދައްކައިގެން ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ލާ ވޯޓު ގެއްލުވާލައިފި ނަމަ، ހިތާމަކުރަން ޖެހޭ ހިސާބަށް މި ގައުމުގެ ކަންކަން ދާނެ ކަމަށާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދިޔަ އިރު، ކޮންމެ މީހަކުވެސް ހުރީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
"ބުހުތާނު ދޮގު ހައްދަވައިގެން އެބޭފުޅުންނަށް ލިބޭނެ ކުރިއެއް ނޯންނާނެ، އަޅުގަނޑުމެންނަށް އަނިޔާކޮށްގެން ލިބޭނެ ކުރިއެއް ނޯންނާނެ، އަޅުގަނޑުމެންނަށް އަނިޔާކޮށްގެން ބިރުދައްކައިގެން އެބޭފުޅުންނަށް ދޭނެ ވޯޓެއް ވެސް ނޯންނާނެ. އަޅުގަނޑުމެން މޭ ފުޅާކޮށްފައި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ނުކުމެ، އިރާދަކުރެއްވިއްޔާ މި އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކުރާނީ ބޮޑުތަނުން،" އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަކީ ވިސްނައި ފިކުރުކޮށް، ރަނގަޅު ގޮތުގައި މި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކުރާނެ ވެރިޔަކަށް ދޭ ވޯޓެއްގެ ގޮތުގައި ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވުމުން އެކަމަށްވެސް ފަލާހު ރައްދުދެއްވިއެވެ.
"މުސާރަ ބޮޑުކުރަންވީ. ސިވިލް ސާވިސްގެ ވެސް މުސާރަ ބޮޑުކުރަންވީ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ބައިތުލްމާލު ތަންދިން މިންވަރަކުން ބޮޑުކުރަމުން އެދަނީ. އެކަމަކު އެއްވެސް ބެލުމެއް، ފިކުރެއް ނެތި ބޮޑުކުރަމުންދާ ކަހަލަ އުސޫލަކުން ނޫން ކުރަމުން ގެންދަނީކީ. އެބަ ވިދާޅުވޭ ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ކުރާނަމޭ. އަނެއްކޮޅުން މި ވިދާޅުވަނީ އަޅުގަނޑުމެން ބަނގުރޫޓުވެއްޖެއޭ، ހަދާނެ ގޮތެއް ވެސް ނެތޭ، މާދަމާ އަޅުގަނޑުމެން ގެއަށް ހަނޑޫ ކިލޯއެއް ގަންނާނެ ވަރުވެސް އަޅުގަނޑުމެންގެ އަތުގައި ނެތޭ، ކޮން ވާހަކައެއްތޯ މި ދައްކަނީ. މިއަށްވުރެ ތަފްސީލުކޮށް އެބޭފުޅުން ވިދާޅުވެދެއްވަންވާނެ،" އޭނާ ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ މުއިއްޒު އެ ވައުދުތައް ވެވަޑައިގަންނަވަނީ ފައިސާ ހޯދާނެ ގޮތެއް ވިދާޅުނުވެ ކަމަށާއި ހިތު ހުރި ވާހަކަތަކެއް ދައްކަވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން އެކަންކަމަށް ރައްޔިތުން ވިސްނައި ފިކުރުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.