މިއަދު ވެސް އަދި ވެރިކަމަށްފަހު ވެސް އެމަނިކުފާނަށް ތުހުމަތުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ އާއި އެމްޑީއޭ އަދި އަދާލަތު ޕާޓީގެ އޮތީ އެންމެ އަމާޒެއް ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށެވެ.
"ތިޔަބޭފުޅުންނަށް އަޅުގަނޑު މިއަދުވެސް ޔަގީންކޮށް މި އަރުވަނީ ދައުލަތުގެ ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނެ ވާހަކަ. މިއަދުވެސް ބައްލަވަންވީ، އަޅުގަނޑު ވެރިކަމުން ފޭބީމަވެސް ބައްލަވަންވީ، އަޅުގަނޑު ޔަގީންކަމާއެކު މި ދަންނަވަނީ އަޅުގަނޑާ ދޭތެރޭގައި ތުހުމަތުކުރާނެ ކަމެއް ވެސް ނޯންނާނެކަން. މިހާރުވެސް ކަމެއް އޮތިއްޔާ އޭސީސީއަށް ހުށަހަޅުއްވާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭރުގެ ގައުމުތަކުން ފައިސާ ހޯދުމަށް ވެސް ކުރަން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި މި ސަރުކާރަށް ލޯނާއި އެހީތައް ލިބޭތީ އެކަމުގެ ވާހަކަ އިދިކޮޅުން ދައްކަވާ އިރުގައި، މީގެ ކުރިން އެ ސަރުކާރަށް އެކަން ނުކުރެވުނީ ކީއްވެގެންތޯ ބަލައިލަން ޖެހޭ ކަމަށެވެ.
"އެއީ ދޭދޭ ގައުމުތަކާއެކު އޮތް އިތުބާރު ކުރެވޭ ހާރިޖީ ސިޔާސަތު ނެތުމުގެ ސަބަބުން. ކޮމަންވެލްތުން ވަކިވީ، ގަތަރާއެކު ގުޅުން ކަނޑާލީ، އަދިވެސް އެނޫން މާލީ އިދާރާތަކާއެކު ގުޅުން ކުޑަވެގެން ދިޔައީ. އަވަށްޓެރި ގައުމުތަކާއެކު ނެތް ރަހުމަތްތެރިކަމެއް. މިއަދު އަޅުގަނޑުމެން އެދުނީމާ ފައިސާ ދޭނެ ކިތަންމެ ފަރާތެއް އެބަހުރި. މުއައްސަސާތަކުން، މާލީ އިދާރާތަކުން ލޯނު އެދެނީ އެހެންވެގެން، އެ ދެއްކޭނެކަމުގެ ޔަގީންކަން އެބޭފުޅުންގެ އޮތުމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރެވޭ ކަމަކުން މި އިންތިހާބު ގެއްލިއްޖެއްޔާ، މި ގައުމު ބަނގުރޫޓުވެގެންދާ ތަން ފެންނަ ކަމަށާއި އެހެންވީމާ ވިސްނުންތެރިކަމާއެކީގައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.