ފައިސާ ފޮތީގެ އެއް ފުށް ފެންނަ ބަޔަކަށް އިގުތިސާދު ނުދެމެހެއްޓޭނެ ކަމަށާއި ކުރެވޭ ކަމަކުން އިންތިހާބު ގެއްލިއްޖެއްޔާ ރާއްޖެ ބަނގުރޫޓާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި މާފަންނު ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ވާނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށާއި ފުރަތަމަ ބުރުގައި ކުރެވުނު ކަންތައްތަކާއި ނުކުރެވި ހުރި ކަންތައްތައް ބަލައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފައިސާ ފޮތީގެ ދެ ފުށް ފެނޭ. އެއް ފުށް ފެންނަ ބަޔަކަށް އިގުތިސާދު ނުދެމެހެއްޓޭނެ. އަޅުގަނޑުމެންގެ ސިޔާސަތުތައް މި ބައްޓަން ކުރަނީ ވިސްނުންތެރިކަމާއެކު. މާލީ އިދާރާތަކުން ލޯނު ދޭނީ އެ ދެއްކޭނެ ކަމުގެ ޔަގީންކަން އޮތީމަ. މިއަދު އަޅުގަނޑުމެން އެދުނީމާ ފައިސާ ދޭނެ ކިތަންމެ ފަރާތެއް އެބަހުރި. މުއައްސަސާތަކުން، މާލީ އިދާރާތަކުން ލޯނު އެދެނީ އެހެންވެގެން، އެ ދެއްކޭނެކަމުގެ ޔަގީންކަން އެބޭފުޅުންގެ އޮތުމުން. ކުރެވޭ ކަމަކުން އަޅުގަނޑުމެންނަށް މި އިންތިހާބު ގެއްލިއްޖެއްޔާ، މި ގައުމު ބަނގުރޫޓުވެގެންދާ ތަން އަޅުގަނޑަށް ފެނޭ. އެހެންވީމާ ވިސްނުންތެރިކަމާއެކީގައި ތިޔަބޭފުޅުން މަސައްކަތްކުރެއްވުމަކީ އަޅުގަނޑުގެ އެދުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭރުގެ ގައުމުތަކުން ފައިސާ ހޯދަން ވެސް ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި ކުރީ ސަރުކާރަށް އެކަން ނުކުރެވުނީ ހާރިޖީ ސިޔާސަތެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި ކުރީ ސަރުކާރުން ކޮމަންވެލްތުން ވަކިވެ، ގައުމުތަކާ ގުޅުން ކަނޑާލިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ވިސްނާލަން ޖެހޭ ނުކުމެ މިތިބީ މި ކޯލިޝަންގެ ކެންޑިޑޭޓު ހޮވަންތޯ. އަޅުގަނޑުމެން ވިސްނާލަން ޖެހޭ އިތުރު ކަމެއް ވެސް އެބައޮތް، އެއީ އަޅުގަނޑުމެން އެނބުރި ގެންދަން މި އުޅެނީ ބިރުވެރިކަމާއި ނާމާންކަމަށްތޯ. މިކަމާ އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަން ޖެހެނީ. އެއްވެސް މީހަކު އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް އެނބުރި ދާކަށް ބޭނުމެއް ނުވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 2013 އިން 2018 އަށް ހޭދަކުރަން ޖެހުނީ ނާމާން ދުވަސްތަކެއް ކަމަށާއި ގޭގޭގައި ތިއްބައި ނެރެ މަގުތަކުގައި މީހުން މަރަމުންދިޔަ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިން އަދި ނޫސްވެރިންނަށް ވެސް އަނިޔާތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރެއްވިއެވެ.