ކައުންސިލްތަކަށް ހާއްސަށް މިނިސްޓްރީއެއް އުފައްދުމަށް އިދިކޮޅު ފަރާތްތަކުން ވެފައިވާ ވައުދުން ފެންނަނީ ބިރުވެރި މަންޒަރެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ހދ. ފިނޭއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރެއްގައި ކައުންސިލުތައް ވަރަށް ބާރުގަދަވާނެ ކަމަށާއި ބޭނުންވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ސަރުކާރާ ހަމައަށް ގެނެސްދޭ ފުރިހަމަ ވަސީލަތެއްގެ ގޮތުގައި ކައުންސިލުތައް އޮތުން ކަމަށެވެ.
"އެހެންވީމާ އެކަމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުގެ ނިޒާމު ރޭވުމަށްޓަކައި އެކަމަށް ހާއްސަ މިނިސްޓްރީއެއް ގާއިމުކުރެވޭނެ" މުއިއްޒު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިއަދު ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އިދިކޮޅުން މަސައްކަތް ކުރަނީ ހުރިހާ ބާރުތަކެއް މާލެއަށް ޖަމާކުރަން ކަމަށެވެ. ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތައް ސަސްޕެންޑުކޮށް ހުރިހާ ބާރުތަކެއް ކަނޑުވާލި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަނެއްކާވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އެ ބޭފުޅުން އަނބުރާ މި މާލެއަށް ބާރުތައް ޖަމާކުރާތަން. އެއީ ބިރުވެރިކަމެއް، އެއަށް ފުރުސަތު ލިބިއްޖެއްޔާ އަނެއްކާވެސް އެނބުރި އަޅުގަނޑުމެން ދާނީ އެތައްކެއް ފަހަތަށް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ބާރުތައް މާލެއަށް ޖަމާކުރުމަކީ ރާއްޖެ ތަރައްގީކުރަން ދިމާވާ އެންމެ ބޮޑު ހުރަސް ކަމަށެވެ. ބާރުތައް ދޫކޮށްލައި ކައުންސިލްތަކަށް ނިންމުންތައް ނިންމުމުގެ ބާރު ދީ، ރައްޔިތުންނާ ކައިރިން ހިދުމަތް ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުއިއްޒު ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދާ ވާހަކަ ދެއްކެވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެއީ އަލުން އަނބުރާ އަތޮޅު މިނިސްޓްރީ ގެނައުން ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ނަމަވެސް މުއިއްޒު ވިދާޅުވެފައިވަނީ އޭނާ ދެއްކެވީ، ކައުންސިލްތަކުގެ ބާރުތައް ހަނިކުރާ ވާހަކައެއް ނޫން ކަމަށާއި ތަހުޒީބީ ގައުމުތަކުގައި އެކަންތައް ކުރާ ގޮތަށް ކައުންސިލްތަކާ އެކު ވީހާވެސް ކައިރިން މަސައްކަތް ކުރާނެ އިންތިޒާމެއް ހަމަޖެއްސުމުގެ ވާހަކަ ކަމަށެވެ. ތަހުޒީބީ ގައުމުތަކުގައި އެފަދަ މިނިސްޓްރީތައް ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނޫ ފާސްކޮށް، ކައުންސިލްތަކަށް ބާރުތައް ދޫކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. މިހާރު ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އެވެ.