ޚަބަރު

ނަޝީދު، އެމްޑީޕީއަށް: މަޖިލީހަށް ހާޒިރުނުވެ، އާންމުންގެ ވޯޓު އިތުރުވާނެ ކަމަށް ދެކުމަކީ ކުށްހީއެއް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުވެ، އާންމު ރައްޔިތުންގެ ވޯޓު އިތުރުވާނެ ކަމަށް ދެކެވަޑައިގަތުމަކީ ކުށް ހީއެއްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވެ މަޖިލިސް ރައީސް އެމްޑީޕީއަށް ފާޑު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާ ކުރިއަށްގެންދަން ކޯރަމް ހަމަވާ ވަރަށް މަޖިލީހަށް އެމްޑީޕީގެ މެންބަރުން ވަޑައިނުގަތުމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ޖަލްސާ ބޭއްވުމަށް ކޯރަމް ހަމަނުވާއިރުވެސް އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލިސް އިދާރާގެ ގޯތި ތެރޭގައި ތިއްބެވި ކަމަށެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ޖަލްސާއަށް ނުވަންނަވައި، ހާޒިރީ ފޮތުގައި ސޮއި ކުރައްވާފައިވާ ކަމަށް ވިދާޅުވެ އެ ބޭފުޅުންގެ ނަންތައްވެސް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.

ހަތަރު ފަހަރަށް ފަސްކޮށްގެންވެސް މިއަދުގެ ޖަލްސާ ބާއްވަން ބޭނުންވާ ވަރަށް ކޯރަމް ހަމަ ނުވެގެން މިއަދު މެންދުރުފަހު 1:00 ގައި އެކަން އިއުލާން ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ކޯރަމް ހަމަވާވަރަށް މެންބަރުން ހާޒިރު ނުވުމަކީ، ހިތާމަވެރިކަމެއް ކަމަށެވެ. އެހެންކަމުން ޖަލްސާ ބާއްވަން މާދަމާ މަަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ފަށަން ޖެހޭ ގަޑި ޖެހުނު އިރުވެސް ކޯރަމް ހަމަވާވަރު ނުވެގެން، ޖަލްސާ ފަށަން ފުރަތަމަ ނިންމީ ހެނދުނު 9:30 ގައެވެ. ނަމަވެސް އެ ގަޑީގައިވެސް ކޯރަމް ހަމައެއްނުވިއެވެ. ދެން ޖަލްސާ ފަސްކުރީ 10:00 އަށެވެ. އެ ގަޑީގައި ޖަލްސާ ފެށުމަށް މަސައްކަތްކުރި އިރު، ހާޒިރުވެ ތިއްބެވީ 20 މެންބަރުންނެވެ. ޖަލްސާ ފަށަން ބޭނުންވާ ކޯރަމަކީ 22 މެންބަރުންނެވެ. ނަމަވެސް އިތުރު ދެ މެންބަރުން ވަޑައިނުގެންނެވުމުން ހެނދުނު 11:00 އަށް ޖަލްސާ ފެށުން ލަސްކުރިއެވެ. ނަމަވެސް އެ ގަޑީގައިވެސް ޖަލްސާ ފެށޭ ގޮތެއް ނުވިއެވެ. އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، 12:00 އާއި 1:00 ގައިވެސް ޖަލްސާ ފެށޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަމަވެސް 1:00 ގައިވެސް ޖަލްސާ ފަށަން ބޭނުންވާވަަރަށް މެންބަރުން ވަޑައެއްނުގެންނެވިއެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސްގެ ފާޑު ކިޔުންތައް ރައްދުކުރެއްވީ އެމްޑީޕީއަށް އެކަންޏެވެ. ވިދާޅުވީ 56 މަޖިލިސް މެންބަރުން އެމްޑީޕީގައި ތިބުމުން އެއީ އެންމެ ބޮޑު ޕާޓީ ކަމަށާއި، ކޯރަމް ހަމަކުރަން އެ ޕާޓީގެ މެންބަރުން މަޖިލީހަށް ވަޑައިގަންނަން ޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ތެރެއިން މިއަދު މަޖިލީހަށް ވަޑައިގެން ޖަލްސާކުރާ މާލަމަށް ނުވެންނެވި މެންބަރުންނާއި، މާލަމަށް ވެދެ ވަޑައިގެން ނުކުންނެވި މެންބަރުންނާއި، ހާޒިރީ ފޮތުގައި ސޮއި ކުރެއްވުމަށްފަހު ޖަލްސާއަށް ނުވެންނެވި އެމްޑީޕީ މެންބަރުންގެ ނަންތައް މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ. ނަމަވެސް މަޖިލިސް ޖަލްސާއަށް ވަޑައިގެން މާލަމުގައި ތިއްބެވި މެންބަރުންނާއި، އެހެން ޕާޓީއަކުން ނުވަދަ އަމިއްލަ ގޮތުން މަޖިލީހުގައި ހިމެނޭ މެންބަރުންގެ ތެރެއިން ވެސް ޖަލްސާއަށް ވަޑައިނުގަންނަވާ އިތުރު މެންބަރެއްގެ ނަން މަޖިލިސް ރައީސް އިއުލާނެއް ނުކުރައްވައެވެ.

މަޖިލީހުގައި އެމްޑީޕީގެ 56 މެންބަރުން ތިއްބެވި ނަމަވެސް އެ މެންބަރުންނާ ނުލައި ކޯރަމް ހަމަކޮށްގެންވެސް ޖަލްސާ ކުރިއަށް ގެންދެވޭނެއެވެ.

މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވާ އިރު، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ގޮތުގަ އާއި، މަޖިލީހުގައި އޮންނަ ޕާޓީތަކުގެ ދަފްތަރުގައި މެންބަރުން ހިމެނިފައިވާގޮތަށް ބަލާ އިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ހިމެނެނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނެވެ. އެއީ 13 މެންބަރުންނެވެ. އޭގެތެރޭގައި މަޖިލީހުގައި އޮތް ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ނުކޮށް ތިބި ދަ ޑިމޮކްރެޓްސްގެ 10 މެންބަރުން ހިމެނެއެވެ. މަޖިލީހުގައި އޮންނަ ޕާޓީތަކުގެ ދަފްތަރުގައި ޑިމޮކްރެޓްސް މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ ތިން މެންބަރުންނެވެ.

ދެން އެންމެ ގިނަ މެންބަރުން ހިމެނޭ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ފަސް މެންބަރުން ތިއްބަވާ އިރު، ޑެމޮކްރެޓްސް އާއި ޕީއެންސީ އާއި އެމްއެންޕީން ކުރެ ކޮންމެ ޕާޓީއަކަށް ނިސްބަތްވާ ތިން މެންބަރުން ތިއްބަވައެވެ.

އެމްޑީއޭ އާއި ޖޭޕީ، މި ދެ ޕާޓީން ކުރެ ކޮންމެ ޕާޓީއެއްގައި ހިމެނެނީ ދެ މެންބަރުންނެވެ. އެހެންކަމުން އެމްޑީޕީ މެންބަރުން ނުލައި 30 މެންބަރުންނާއެކު ރަނގަޅު ކޯރަމެއްގައި ވެސް މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެއެވެ.

އެކެއް ޖަހާއިރު ޖަލްސާ ފެށުމަށް މަސައްކަތް ކުރެއްވި ނަމަވެސް ކޯރަމް ހަމަނުވާތީ، މިއަދުގެ މަސައްކަތް ނިންމަވާލައްވަމުން އެމްޑީޕީއަށް ނިސްބަތް ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު އަތުގައި ތަޖުރިބާ ނެތިދާނެ ސިޔާސީ ޕާޓީއަކަށް ލަފާދިނުމުގެ، އެހެން ނަމަވެސް އަޅުގަނޑަށް ދެންނެވޭނީ މަޖިލީހަށް ހާޒިރުވެ ވަޑައިނުގެންނެވުމުން ލިބިވަޑައިގަންނަވާ އާންމުންގެ ވޯޓު އިތުރުވާނެ ކަމަށް ދެކެވަޑައިގަންނަވަނީ ކަމަަށް ވަންޏާ އެއީ ކުށް ހީއެއް، ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ ތާއީދު ރައްޔިތުންގެ ލޯބި ލިބިގެންދާނީ ރައްޔިތުންގެ ވަކާލާތުގައި ބައިވެރިވެ ވަޑައިގަތީމަ، ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަން ޖަވާބުދާރީ ކުރުވުމަށް ގާނޫނުއަސާސީ ލާޒިމުކޮށްފައި އޮތީ މި މަޖިލީހަށް، އަދި ރައްޔިތުންގެ ފަރާތުން ކުރާ ވަކާލާތުކުރުމަށްވެސް އޮތީ މި މަޖިލިސް، މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވައި ރައްޔިތުންގެ ތާއީދު އިންތިހާބުތަކުގައި ހޯއްދަވަން ދަތިވާނެ،" ކަމަށެވެ.