ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭން ކޮށްދެއްވުމަށް އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ހިޔާ ސަރަހައްދަށް މިއަދު ވަޑައިގަތުމުން، އެކަމާ ދެކޮޅަށް ހިޔާ ސަރަހައްދުގައި މުޒާހަރާކޮށްފިއެވެ.
ފަޒްނާ، ހިޔާ ސަރަހައްދަށް މިއަދު ހަވީރު ވަޑައިގެންނެވުމުން މުޒާހަރާކުރީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަޕޯޓަރުންނެވެ. އެކަމަނާ އެ ސަރަހައްދަށް ވަޑައިގަތުމުން އިދިކޮޅުން ވަނީ ރައީސްގެ ދެކަނބަލުންނަށް ހުތުރު ބަހުން މުހާތަބުކޮށް، އެ ސަރަހައްދުގައި މުޒާހަރާކޮށްފައެވެ.
ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމުގެ ގޮތުން ފަޒްނާ ވަނީ މީގެ ކުރިން މާލެ އަދި ހުޅުމާލޭ އަދި ވިލިމާލޭގައި ޑޯޓުޑޯ ހަރަކާތްތައް ވެސް ކުރިއަށް ގެންދަވައިފައެވެ.
ހިޔާ ސަރަހައްދުގެ ކަންކަމާ ގުޅިގެން އާންމު ގޮތެއްގައި ހިޔާލުފާޅުކުރާ ފަރާތަކުން ޓުވީޓުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފަޒްނާ ހިޔާ ފުލެޓަށް ވަދެވަޑައިގަންނަ ދިޔަ ވަގުތު ވެސް މުޒާހަރާގެ ބައިވެރިން ވަނީ އެކަމަނާއަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން މުއާމަލާތް ކޮށްފައެވެ.
އަދި އެކަމަނާ ހިޔާ ސަރަހައްދުން ދޫކޮށް ވަޑައިގަންނަވަން ދިޔަ ވަގުތު ވެސް އެކަމަނާއާ އަރައި ހަމަކޮށް ވަނީ ހުތުރުކޮށް މުހާތަބުކޮށްފައެވެ.
އެ ސަރަހައްދުގައި އެވަގުތު ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އަދި ފުލުހުން މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ވީޑިއޯ ވެސް ވަނީ އާންމުވެފައެވެ.
ފުލުހުން "ވަން" އަށް ބުނީ، އެ މީހާއަކީ ފުލުހުންގެ ދައުރަށް ހުރަސް އެޅި މައްސަލައަކާ ގުޅިގެން ބެލުމުގެ ދަށަށް ގެންދިޔަ މީހެއް ކަމަށެވެ. އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މުޒާހަރާއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު