ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ހަރަކާތުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މާލޭގައި ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފިއެވެ.
ރައީސް ސޯލިހު ޑޯޓްޑޯ ކެމްޕެއިން މާލޭގައި ފައްޓާފައިވަނީ ހަވީރު ޗާންދަނީ ޖަންކަންޝަން ކައިރިންނެވެ. ރައީސްއާ އެކު އެ މަނިކުފާނުގެ ކެމްޕޭން ސްޕޯކްސްޕާސަން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ވަނީ ޗާންދަނީ މަގު ޖަންކަންޝަން ކައިރީގެ ގެތަކަށް ވަޑައިގެން އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މާލޭގައި ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންދަވައިފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އިރު، އެމްޑީޕީން ގެންދަނީ ކެމްޕޭން ހަރަކާތްތައް މާލޭ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަރުގަދަކޮށް، ފުޅާކޮށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މާލޭގެ އެކި އަވަށްތަކުގައި ކޮންމެ ރެއަކު ދަނީ ރައީސް ބައިވެރިވެވަޑައިގަންނަވަނީ ކެމްޕޭން ޖަލްސާތައް ބާއްވަމުންނެވެ.
މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ ދެވަނައެވެ. އެއީ 85،126 ވޯޓެވެ. އެމަނިކުފާނުގެ މައްޗަށް ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101,494 ވޯޓެވެ.
ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕީޕީއެމް-ޕީއެންސީ އަދި އެމްޑީޕީން ވެސް ވަނީ އެހެން ޕާޓީތަކާއެކު މަޝްވަރާކޮށްފައެވެ. އެމްއެންޕީން، ޑރ. މުއިއްޒަށް ތާއިދު ކުރައްވަން ނިންމެވި އިރު، ޖުމްހޫރީ ޕާޓީން ނިންމީ، ދެވަނަ ބުރުގައި އެއްވެސް ބަޔަކާއެކު ކޯލިޝަން ނުހެދުމަށެވެ.
ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމްއިން ކޯލިޝަން ހެދުމަށް މަޝްވަރާކުރި ނަމަވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އަދި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއާ އެކު ވެސް ކޯލިޝަން ހެދުމުގެ އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެއެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓެއް ކޯލިޝަން ހެދުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު