ޚަބަރު

ޑިމޮކްރެޓުން ހުށަހެޅީ މިމަހުގެ 25ގައި ނިޒާމީ ވޯޓު ނަގަން، ޕީޕީއެމުން ސޮއިނުކުރުމުން މަޝްވަރާ އެމްޑީޕީއާއެކު

އެމްޑީޕީ އަދި ޕީޕީއެމަށް ވެސް ހުށަހަޅާފައިވާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހުގެ 25 ގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ އެއްބަސްވުމެއްގައި ސޮއިކުރަން ޕީޕީއެމުން ބޭނުންނުވާ ކަމަށާއި އެމްޑީޕީން އެ ހުށަހެޅުމަށް ނޫނެކޭ އަދި އާނބަސް ވެސް ބުނެފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުމެއްގައި ސޮއިކުރަން ޕީޕީއެމުން ބޭނުންނުވާތީ މިހާރު ވާހަކަތައް ދެކެވެމުންދަނީ އެމްޑީޕީއާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީއަށް ވާނީ އަޅުގަނޑުމެން ހުށަހެޅުން ހުށަހަޅާފައި. ޕީޕީއެމަށް ވެސް ވާނީ ހުށަހެޅުން ހުށަހަޅާފައި. ނިޒާމީ ވޯޓަކަށް ދިއުމުގެ ހުށަހެޅުން. އަޅުގަނޑުމެން މި ހުށަހަޅާ ގޮތަކީ 25 ސެޕްޓެމްބަރުގައި، އެއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިއަށް ނިޒާމީ ވޯޓެއް ނަގަން. އެއީ ފެންނަ ނުފެންނަ ވޯޓެއް ނަގަން. އެއްބަސްވުމެއްގައި ސޮއިކޮށްގެން ދާން ޕީޕީއެމުން ބޭނުމެއް ނުވޭ. އަދި ކުރެވޭ މަޝްވަރާތަކުގައި އެމްޑީޕީއަކުން އެކަމަށް ދެބަހެއް ވެސް ނުވޭ، އެއްބަހެއް ވެސް ނުވޭ. އެހެންނަމަވެސް އެއީ ދިގުލައިގެން ދާނެ ކަމަކަށް ހަދާފައި ބޭއްވޭކަށް ޑިމޮކްރެޓްސްއަކަށް ވެސް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ރިޔާސީ ނިޒާމަށް މި ރާއްޖޭގައި ވެރިކަން ކުރުން އެއީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ކުރެވެން އޮތް ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ދައްކަމުންދާ ކަމަށެވެ. އަދި ގާނޫނުއަސާސީ ބައްޓަންކޮށްފައި އޮތީ ރިޔާސީ ނިޒާމަކުން ވެރިކަން ކުރާ ގޮތަށް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތަށް ބަލާއިރު، ގާނޫނުއަސާސީ އޮތްގޮތުން އެއީ ރައީސުލްޖުމްހޫރިއްޔާއަކަށް ކުރިމަތިލައްވާ އެއްވެސް ބޭފުޅަކަށް އެކަނިމާއެކަނި ނުވަތަ ޕާޓީއަކަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ވާހަކަ ދައްކަމުންދިޔައީ 2008 ވަނަ އަހަރުވެސް، 2013 ވަނަ އަހަރުވެސް، 2018 ވަނަ އަހަރުވެސް އަދި މިހާރުވެސް. ރިޔާސީ ނިޒާމެއްގައި ޕާޓީތަކުން ވާދަކުރީމަ އެއްވެސް ޕާޓީއަކަށް 50 ޕަސަންޓު، އަދި އެ ވޯޓު ނުލިބޭކަން މި އެނގެނީ. ދެން މި ޖެހޭ ގޮތަކީ އެހެން ޕާޓީއަކާ އެކީގައި ކޯލިޝަނެއް ހަދައިގެން ދެވަނަ ބުރުގައި ވާދަކޮށްގެން ވެރިކަމަށް އައުން. އެ ނިޒާމުގައި ހުރި އެ މައްސަލަތަކުގެ ވާހަކަ އަޅުގަނޑުމެން ތަކުރާރުކޮށް ދައްކަމުން އައީ. ހަގީގަތުގައި މިއަދު ބޮޑަށް އެމްޑީޕީއަށް އެ ފުރުސަތު ލިބިފައި މިއޮތީ. ގާނޫނުއަސާސީ ބަދަލުކުރުމާއި އަދި ހަމައެއާއެކީ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން އެކަން ރަނގަޅުކުރުމަށްފަހު، ދައުލަތުން ނިޒާމުތައް ރަނގަޅަށް ހިނގާނެ ގޮތަކަށް ރާއްޖޭގެ ނިޒާމު ބަދަލުކުރުން. ވެރިކަން ކުރުމުގެ ނިޒާމު، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުނުކުރުމުން ދައުލަތުގެ ބާރުތައް ތަގައްޔަރުވެގެންދާ ތަން ފެނިގެންދާ ކަމަށާއި އެކަން ނިމުމަކަށް ގެނައުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި މިހާރު އެބައޮތް ކަމަށެވެ. އަދި އިންތިހާބުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވެވަޑައިގެންފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިވަގުތު ރައީސުލްޖުމްހޫރިއްޔާ ބަލިވެއްޖެ، އެމްޑީޕީގެ ކެންޑިޑޭޓް ބަލިވެއްޖެ. މިވަގުތު އަޅުގަނޑުމެން އެދޭ ގޮތަކީ، ޑިމޮކްރެޓުން އެދޭ ގޮތަކީ ދެންވެސް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީގެ ތެރެއިން ކުރެއްވެން ހުރި ކަންކަން ކުރައްވައިގެން ރާއްޖެއަށް ހަމަޖެހުމެއް އަންނާނެ ގޮތަކަށް، ވެރިކަމުގެ ނިޒާމު އަދި މުޅި ދައުލަތް ހަމަޖެހުމަކަށް އަންނާނެ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އަމަލުކޮށްދެއްވުން. އެހެން ގޮތަކަށް ދަންނަވާ ނަމަ، ގާނޫނުއަސާސީއަށް ގެންނަވަން ޖެހޭ ބަދަލުތަކާ އެކީގައި ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުން،" އޭނާ ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ގާނޫނުއަސާސީ އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވެން އޮތް ކަމެއް ކަމަށާއި އެއީ އެ މަނިކުފާނު އަމިއްލަފުޅު އިހުތިޔާރުގައި އޮތް ކަމެއް ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް ވަނީ ނިޒާމީ ވޯޓެއް ނަގަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރުގައި ވަނީ، އަންނަ ނޮވެމްބަރު މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ.