މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ވޯޓު ލުމުގެ ހައްގު އިތުރު 408 ޒުވާނަކަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282،395 އެވެ.
އީސީން މިއަދު ބުނީ، އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް، މިމަހުގެ 30ގެ ނިޔަލަށް 18 އަހަރުވުމުން 408 މީހަކަށް އިތުރު ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ގާނޫނުގައި ބުނާ ވޯޓު ލުމުގެ އުމުރު ކަމަށްވާ 18 އަހަރު ފުރޭ 196 އަންހެނުންނާއި 212 ފިރިހެންނެވެ.
އެހެންކަމުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 282،803 އެވެ.
ވޯޓިން ލިސަޓަށް އިތުރުވި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެއާއެކު މި ލިސްޓަށް ޝަކުވާ ހުށަހެޅުން މިމަހު 15 އިން ފެށިގެން ސެޕްޓެމްބަރު 17 އަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.
ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު 282،395 މީހުންނަށް ލިބިފައިވާ އިރު، ވޯޓު ލާފައިވަނީ 225،486 މީހުންނެވެ. އެއީ 79.85 އިން ސައްތައެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ. އެއީ 101،635 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެއީ 86،161 ވޯޓެވެ.
މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ޑރ. މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޚަބަރު
ޚަބަރު
ޚަބަރު