ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާނެ ކަމުގެ ފެހި ސިގުނަލެއް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވައިފިކަން "ވަން" އަށް އެނގިއްޖެއެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ރައީސް ސޯލިހު، ސަން އައިލެންޑަށް ވަޑައިގެންފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ސަން އައިލެންޑަށް ވަޑައިގެންނެވުމަށްފަހު ރޭ އަދި މިއަދު ވެސް ރައީސް ހުންނެވީ ގާސިމް އަރިހުގައެވެ. ދެ ބޭފުޅުން ގެންދަވަނީ ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދަވަމުންނެވެ.

ސަން އައިލެންޑްގައި ހުންނެވި ގާސިމްގެ އަރިސް ޖޭޕީ ބޭފުޅަކު "ވަން" އަށް ވިދާޅުވީ ދެވަނަ ބުރެއްގައި ގާސިމް، ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމުގެ ފެހި ސިގުނަލެއް ވަނީ ދެއްވައިފައެވެ. އެކަމުގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.

މިކަމާ ގުޅޭ ގޮތުން ދެޕާޓީގެ އޮފިޝަލް ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ގާސިމް، ރައީސްއާ ބައްދަލުކުރައްވަމުން ގެންދަވާ އިރު، ގާސިމް ވަނީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާ އަންގާރަ ދުވަހުގެ ރޭ ސަން އައިލެންޑްގައި ބައްދަލުކުރައްވައިފައެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވުމަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ގާސިމާ ބައްދަލުކުރައްވައިފައެވެ. ނަމަވެސް ގާސިމް ނިންމެވީ އިންތިހާބުގައި ވަކިން ވާދަކުރެއްވުށެވެ. ގާސިމް އެ ނިންމެވުމަށްފަހު، ގާސިމްއާއި ރައީސް ސޯލިހު ވަނީ، ރައީސް އޮފީހުގައި ވެސް ބައްދަލުވުމެއް ބާއްވައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ގާސިމް ވަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް އިންތިހާބުކުރަން ހެޔޮވެސް ނުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް 38.2 ޕަސަންޓު ލިބުނު އިރު އެއީ 86،164 ވޯޓެވެ. ގާސިމަށް ލިބިވަޑައިގެންނެވީ 2.4 ޕަސަންޓެވެ. އެއީ 5،450 ވޯޓެވެ.