ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ވެސް ކޯލިޝަން ހެދުމާ ބެހޭ މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް ޕީޕީއެމް-ޕީއެންސީން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ވެސް މަޝްވަރާތައް ކުރިއަށްގެންދާ ކަމަށެވެ.
"އަޅުގަނޑުމެން ސިޔާސީ ހުރިހާ ފަރާތްތަކާ ވެސް ވާހަކަދައްކަމުން މިގެންދަނީ. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ބައެއް ޓީމުތަކުން ވާހަކަދައްކަވާނެ ސިޔާމްއާ ވެސް، އެމްޑީއޭއާ ވެސް ވާހަކަދައްކަވާނެ. އަޅުގަނޑުމެން އެއްވެސް ބަޔަކު ދޫކޮށްލައިގެން، އެއްވެސް ބަޔަކާ ވާހަކަ ނުދައްކައެއް ނުހުންނާނަން. އަޅުގަނޑުމެން ހުރިހާ ބޭފުޅުންނާ ވެސް ވާހަކަދައްކަމުން މި ގެންދަނީ. އެހެންނަމަވެސް މަޝްވަރާތައް މިހާ ހިސާބަށް ދިޔަ ހިސާބެއް ދަންނަވާކަށް ނޭނގޭ. އެކަމަކު މަޝްވަރާތައް ނިމެމުންދާ ވަރަކަށް އަޅުގަނޑުމެން މީޑިއާތަކަށް ހާމަކުރަމުން ގެންދާނަން އެކަމާ ބެހޭ މައުލޫމާތުތައް. އަޅުގަނޑުމެންނަށް މިހާރު ލިބެމުންދާ މައުލޫމާތަކީ ޝިޔާމް ދުރަށް އެބަ ވަޑައިގަންނަވާކަން،" އޭނާ ވިދާޅުވިއެވެ.
އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫންގެ ޓީމާއެކު ވެސް ޕީޕީއެމް-ޕީއެންސީން މިއަދު ވަނީ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ފާރިސްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދެވެ.
އެ މަޝްވަރާތަކާ ގުޅޭގޮތުން ތޮލާލް މިއަދު ވިދާޅުވީ ކުރިއަށްދިޔައީ ވަރަށް ޕޮޒިޓިވް މަޝްވަރާތަކެއް ކަމަށާއި ދެ ފަރާތުން ވެސް ހުށަހެޅުންތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި އެކަމާ ނިންމުމެއް ނިންމިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފާރިސްއާއެކު ވެސް ވަރަށް ޕޮޒިޓިވްކޮށް މަޝްވަރާތައް ދިޔައީ. އަޅުގަނޑުމެންނަށް އަދި މަޝްވަރާތައް މި ފެށުނީ. މަޝްވަރާތައް ފެށިގެން ކުރިއަށް މިދަނީ. އެހެންވީމާ މިހުރީ ދެ ފަރާތުގެ ހުށަހެޅުންތަކެއް. އެކަމަކު ދެ ފަރާތުގެ ހުށަހެޅުންތަކަކީ ދެ ފަރާތަށް ވެސް ގަބޫލުކުރެވޭ ކަހަލަ ހުށަހެޅުންތަކަށް ވާން ޖެހޭ. އެހެންވީމާ އަދި މުޅިން ގޮތެއް ނުނިންމޭ،" އޭނާ ވިދާޅުވިއެވެ.
މަޝްވަރާ ބައްދަލުވުމަށްފަހު ފާރިސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ ޓީމުން ޕީޕީއެމް/ޕީއެންސީއާ ބައްދަލުކޮށް ސޯޝަލް، ސިޔާސީ އަދި އިކޮނޮމީ ރީފޯމް ޕޮލިސީތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ޕޮލިސީތަކަކީ ރަނގަޅު ޑިމޮކްރަސީއަކާއި އިންސާފު އަދި އެއްބައިވަންތަކަން ދެމެހެއްޓުމަށް މުހިންމު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ފާރިސް ވިދާޅުވެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވެސް ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ދައުވަތު ލިބިވަޑައިގަންފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ވަނީ 101,494 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 45.99 ޕަސަންޓެވެ. ދެވަނައަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،126 ވޯޓެވެ. އެއީ އިންތިހާބުގެ 39.02 ޕަސަންޓެވެ. ފާރިސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށްގެން ލިބިވަޑައިގެންނެވީ 2،993 ވޯޓު ހޯދައިފައެވެ. އެއީ އެއް ޕަސަންޓެވެ.
ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރައްވައިއެވެ. ނަމަވެސް ކޯލިޝަން ހެދުމާ ބެހޭގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ރައީސް ސޯލިހު ވެސް ވަނީ ގާސިމާ ބައްދަލުކުރެއްވުމަށް ސަން އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގެންފައެވެ.
ޕީޕީއެމް/ޕީއެންސީން މިހާތަނަށް ކޯލިޝަން ހަދައިފައިވަނީ އެމްއެންޕީއާ އެކަންޏެވެ. އެމްޑީޕީއާއެކު ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދައިފައިވަނީ އެމްޑީއޭ އަދި އަދާލަތު ޕާޓީއެވެ.