މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ މަޝްވަރާކުރަން ޕީޕީއެމް-ޕީއެންސީގެ އިސް ވަފުދެއް ސަން އައިލެންޑަށް މިރޭ ހިނގައްޖެއެވެ.

ދެވަނަ ބުރެއްގައި ގައުމު ދެކެ ލޯބިވާ ހުރިހާ ޕާޓީތަކާއި ލީޑަރުންނަށް ޕީޕީއެމް-ޕީއެންސީއާ ގުޅުމަށް ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުވަތު ދެއްްވައިފައެވެ. އެ ދައުވަތު ގަބޫލުކޮށް އެމްއެންޕީން މިއަދު ވަނީ އެ ކޯލިޝަނާ ގުޅިފައެވެ.

ދެވަނަ ބުރެއްގައި އެހެން ޕާޓީތަކާއެކުގައިވެސް ކޯލިޝަން ހެދުމުގެ މަސައްކަތް ޕީޕީއެމް-ޕީއެންސީން ކުރަމުން އަންނަ އިރު، މިރޭ ސަން އައިލެންޑަށް ދިޔަ އެ ދެ ޕާޓީގެ އިސް ބޭފުޅުންނަށް މާމިގިލީ އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ ގާސިމް އިބްރާހީމެވެ.

"ކުރިއަށް ދިވެހި ގައުމު" ޖައްސަވައި ގާސިމްގެ އެޑްވައިޒަރު އަހުމަދު ނިހާން މިރޭ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެވަނަ ބުރުގެ ކޯލިޝަންގެ މަޝްވަރާ އޮންނާނީ މިރޭ ސަން އައިލެންޑުގެ ވިލާ ޕާކުގައި ކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ މުއިއްޒުގެ ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގެވެ.

ގާސިމަކީ، އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ކޮންމެ ވެރިކަމެއް އެކުލަވާލުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.