ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 44 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށާއި އެކަމަށް ފިނޭންސް މިނިސްޓްރީގައި މާދަމާ އެދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާއިރު އެކަމަށް ބޭނުންވާ ބަޖެޓު ލިބިފައިވޭތޯ ނޫސްވެރިން ސުވާލު އުފެދިފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ އިންތިހާބަށް ބަޖެޓެއް ފާސްކޮށްދީފައި ކަމަށާއި ނަމަވެސް އެ ބަޖެޓަކީ ދެވަނަ ބުރަކަށް ބޭނުންވާ ވަރަށް ފައިސާ ހުރި ބަޖެޓެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ކޮމިޝަނުން މިހާރު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ބަޖެޓު ތައްޔާރުކޮށްފައި ކަމަށް ހަބީބު ވިދާޅުވިއެވެ.

"އެ ބަޖެޓަށް ގާތްގަނޑަކަށް 44 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކޮމިޝަނަށް ލަފާކުރެވެނީ. މި ބަޖެޓު ހޯދުމަށްޓަކައި އަޅުގަނޑުމެން މާދަމާ ފިނޭންސް މިނިސްޓްރީއަށް ލިޔާނަން،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އޮފިޝަލުންނާއި ވޯޓު ކަރުދާހުގެ ކަންތައްތަކަށް ބޮޑު ހަރަދެއް ކުރަން ޖެހޭތީ އެ ބަޖެޓު ނުލިބި ދެވަނަ ބުރުގެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި 44 މިލިއަން ރުފިޔާގެ އެ ބަޖެޓު ފިނޭންސުން ދޫކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.