މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާ ވަގުތު އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ދެވަނަ ބުރުގު ވޯޓުލުން ބާއްވާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށެވެ. ވޯޓުލުމުގެ ވަގުތު އިތުރުކުރީ ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
"2023ގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށް ހަމަޖައްސާފައި ވަނީ 2023 ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށް. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހު،" ފުއާދު ވިދާޅުވިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ފާއިތުވި އިންތިހާބުތަކުގައި ވޯޓުލުމުގެ ވަގުތު އިތުރުކުރުމުން ވޯޓުލާ މީހުންގެ އަދަދު އިތުރުވި ނަމަވެސް ދެވަނަ ބުރުގައި ވޯޓުލުމަށް މިހާރު ކަނޑައެޅި ވަގުތަށްވުރެ، އިތުރު ވަގުތު ނުދޭނެ ކަމަށެވެ. އަދި ދެވަނަ ބުރަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 15، 16 އަދި 17 ގައި ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު