ބޭރު ކުޅިވަރު

މަނާ ބޭހެއްގެ މައްސަލައިގައި ޕޮގްބާއަށް ސަސްޕެންޝަނެއް

މަނާ ބޭހުގެ ބާވަތަކަށް ޕޮޒިޓިވްވެ، ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ސަސްޕެންޝަނެއް އަތުވެއްޖެއެވެ.

އެތުލީޓުންގެ ގިނަ ޕާފޯމަންސްތަކަށްފަހު މަނާ ބޭހަށް އަބަދުވެސް ޓެސްޓް ކުރަމުން އަންނައިރު، ޕޮގްބާ މަނާ ބޭހަށް ޕޮސިޓިވް ވެފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ޔުވެންޓަސްއިން ލީގުގައި އުޑިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހެދި ޓެސްޓަކުންނެވެ. އެ ޓެސްޓްގެ ނަތީޖާގެ ރިޕޯޓްތައް ބެލުމަށް ފަހު، އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) އިން ބުނެފައިވަނީ މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާ ކަން ޕޮގްބާގެ ސާމްޕަލުން އެނގޭ ކަމަށެވެ.

މިވަގުތު ޕޮގްބާ ވަގުތީ ސަސްޕެންޝަނެއްގައި ހުރި އިރު، އުމުރުން 30 އަހަރުގެ މިޑްފީލްޑަރު އިތުރު ޓެސްޓްތަކަށް ޕޮސިޓިވް ވެއްޖެނަމަ، ދެން އަންނަ ސަސްޕެންޝަން އިތުރަށް ބޮޑުވާނެއެވެ. ނާޑޯ އިން ޕޮގްބާގެ ޓެސްޓްގެ އިތުރު ކަންކަން ބެލުމަށް ފަހު، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނަށް ރިޕޯޓެއް ހުށަހަޅަން ތައްޔާރު ވެފައިވާ އިރު، ޕޮގްބާގެ ޓެސްޓުން ދައްކާ ގޮތުގައި އޭނާ ވަނީ ޓެސްޓޮސްޓެރޯން ލެވެލް މަތިވެފައެވެ.

ޓެސްޓޮސްޓެރޯންއަކީ އެތުލީޓުންގެ ޕާފޮމެންސް ރަނގަޅު ކުރުމަށް ބޭނުންކުރާ ބާވަތެކެވެ. ޕޮގްބާ އުޑިނޭޒީއާ ދެކޮޅަށް ނުކުޅުނު ނަމަވެސް، އޭނާ މަނާ ބޭހަކަށް ޕޮސިޓިވްވީ ރެންޑޮމް ސާމަޕަލްއަކުންނެވެ.

ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޮގްބާގެ މި ރިޕޯޓާ ގުޅިގެން ކްލަބުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ހިލޭ ޓްރާންސްފާއެއްގައި މިދިޔަ އަަހަރު ޕޮގްބާ އަލުން ޔުވެންޓަސް އަށް ބަދަލުވީ ހަތަރު އަހަރުގެ ޑީލެއްގަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ލިބުނު އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު، މި ސީޒަނުގައި އެނބުރި އައިސް މިހާތަނަށް ޖުމްލަ އެކު ކުޅެފައިވަނީ ދެ މެޗުގައި އެއްކޮށް، 51 މިނިޓެވެ. އެއީ ޔުވެންޓަސް އިން ބޮލޯނިއާ އާއި އެމްޕޮލީއާ ބައްދަލުކުރި މެޗުތަކުގައެވެ.