ޚަބަރު

އިންތިހާބުގެ ދެވަނަބުރާ މެދު ގޮތެއް ނިންމުމަށް ޑިމޮކްރެޓްސްއިން ކައުންސިލް ބައްދަލުވުމެއް ބާއްވަނީ

މުހައްމަދު އިޝާން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާމެދު ގޮތެއް ނިންމުނަށް މިއަދު ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

އެ ޕާޓީން ބުނީ ކައުންސިލް ބައްދަލުވުން ބާއްވާނީ ހަވީރު 3:00 ޖަހާއިރު ކަމަށެވެ. ކައުންސިލް ބައްދަލުވުން ބާއްވާނީ ޕާޓީގެ ޖަގަހައިގައި ކަމަށް ބުންޏެވެ.

ހޯމަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވީ ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެ އިންތިހާބުގައި އިލްޔާސަށް ލިބިވަޑައިގަތީ ހަތް ޕަސަންޓެވެ. އެއީ 15،839 ވޯޓެވެ. އިންތިހާބުގެ އެއްވަނައިގައި އޮތީ 45.1 ޕަސެންޓާއެކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒަށް ލިބިވަޑައިގެންނެވީ 101،581 ވޯޓެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ލިބިވަޑައިގެންނެވިއިރު އެ މަނިކުފާނަށް ލިބިވަޑައިގެންނެވީ 86،164 ވޯޓެވެ. އެއީ 38.2 ޕަސަންޓެވެ.

އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާއިރު، ރައީސް ސޯލިހު އަދި މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހެއްދެވުމަށެވެ. އެގޮތުން އެމްއެންޕީން ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒުއާއެކު ކުރިއަށް ދިޔުމަށް ނިންމައިފައެވެ.

ރައީސް ސޯލިހު ވެސް ވިދާޅުވެފައިވަނީ ދެން ކުރިއަށްވަޑައިގަންނަވަނީ އިތުރު ބަޔަކާ ވެސް ގުޅިގެން ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި ނަޝީދާއި ރައީސް ސޯލިހު އަލުން އެކުގައި މަސައްކަތް ކުރައްވާތަން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވެފައިވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ރަނގަޅު ގޮތެއްވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީއާއެކު ކޯލިޝަން ނުހަދާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ.

"އަޅުގަނޑުމެންގެ ފަރާތުން އިލްޔާސް އެބަ ވިދާޅުވޭ ދެއްތޯ ދެ ޕާޓީއާއެކުވެސް ވާހަކަ ދައްކާ ކަމަށް. ރައީސް ސޯލިހާ މަޝްވަރާކުރުމުގެ ކަންކަންވެސް ކުރިއަށް އެބަދޭ، އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއްވާނެ. ދެން ދެ ޕާޓީއާވެސް ވާހަކަ ދައްކަމުން އެ ދަނީ. އަޅުގަނޑަށް ހީވާ ގޮތުގައި ތި ބޭފުޅުންނަށް ހިތްހަމަޖެހޭ ގޮތަކަށް މިކަން ނިމޭނީ. މި ގަޑީގައި އެއް ގޮތަކަށްވެސް ކަންބޮޑުވެނުލައްވާ. ކަންބޮޑުވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ގޯސްހެން ވާނީ. އަޅުގަނޑު ރަނގަޅަށް ހަދާނީ،" ނަޝީދު ވިދާޅުވެފައިވެއެވެ.