އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ހުސެއިން ޒަމީރު އިސްތިއުފާދެއްވައިފައެވެ.

ޒަމީލް އެ މަގާމަށް އައްޔަންކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެޑްރެސްކުރައްވައި ޒަމީރު އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރުގައި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ޝުކުރާ އަދާކުރައްވާ ކަމަށެވެ.

"މިއަދުން ފެށިގެން އަޅުގަނޑު އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުން އިސްތިއުފާ ދީފީމެވެ،" ޒަމީރު ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ޒަމީރު ހާމައެއް ނުކުރައްވައެވެ. ސިޓީ އާންމުކުރައްވަމުން ޒަމީރު ވިދާޅުވީ، ރައްޔިތުން، ބަސް ބުނެފައިވާ ކަމަށެވެ.

"މީ ރައްޔިތުންނާއެކު ރައްޔިތުންގެ ނިންމުތަކާއެކު ކުރިއަށްދާންވި ވަގުތު. އެހެންވެ އިސްތިއުފާ ދެން. ފުރަތަމަ ގައުމު،" ޒަމީރު ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ 2.47 ޕަސެންޓެވެ. މިއީ ގާސިމް އިންތިހާބަށް ކުރިމަތިލެއްވި ތިން ފަހަރުގެ ތެރެއިންވެސް އެންމެ ކުޑަ އަދަދެއްގެ ވޯޓް ލިބުނު ފަހަރެވެ. މިވަގުތު ވެސް ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީން ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ ދެވަނައެވެ. އެއްވައިނައިގައި އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.