ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ އޮމާންގެ ކޯ-ޕައިލެޓާ ގުޅުން އޮންނަ ކަމަށް ބެލެވޭ ދެ ޕައިލެޓުން ރާއްޖެއަށް އައިސްފިއެވެ.
އެ ދެ ޕައިލެޓުންނަކީ ފްލައި ދުބައީގައި މަސައްކަތްކުރާ ދެ ކޯ ޕައިލެޓުންނެވެ. ޔޫއޭއީން ފުލުހުން ވަނީ އެ ދެ ޕައިލެޓުން ތަހުގީގަށް ސުވާލު ކުރުމުގެ ގޮތުން ހައްޔަރުކޮށްފައެވެ. ދެ ޕައިލަޓުންނަކީ، ތުހުމަތުތައް ކުރެވޭ ކޯ ޕައިލެޓް ހައްމާމް އަލް ހަމާނީއާ އެއް އިމާރާތެއްގައި އުޅުނު ބައެކެވެ. އެ ދެ ޕައިލެޓުން ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ހައްމާމްއާ ވަކިން ބައްދަލުކޮށްފައެވެ.
ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޔޫއޭއީން ވަނީ އެ ދެ ޕައިލެޓުން ރާއްޖެއަށް ޑީޕޯޓުކޮށްފައެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ވަނީ ރާއްޖެއަށް އައިސްފައެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އަހްމަދު ޝިޔާމް "ވަން" އަށް މިއަދު ވިދާޅުވީ އެ ދެ ޕައިލެޓުންނާ ސުވާލު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ދެ މީހުންނާ މެދު ފިޔަވަޅެއް އަޅާ ނަމަ، އެކަން އަންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުބާއީން ފުރައިގެން އިސްރާއީލުގެ ޓެލް އަވީވަށް ގާތްގަނޑަކަށް 174 ޕަސެންޖަރުންނާއެކު ދަތުރުކުރަމުންދިޔަ ފްލައިދުބާއީގެ ބޯއިން 737 މެކްސް 8 މަރުކާގެ ބޯޓުގެ ކޮކްޕިޓް ތެރޭގައި ކޯ ޕައިލެޓް ހައްމާމް ވަނީ ކެޕްޓަނަށް ތްރެސް ހެމާއިން ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ.
އެ ހަމަނުޖެހުމުގެ ތެރޭގައި ބޯޓުގެ އުސްމިން ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ދަށްވެފައެވެ. ފްލައިޓް ޓްރެކިން ޑޭޓާތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 34،000 ފޫޓު މަތިން ދަތުރުކުރަމުން ދިޔަ ބޯޓު، ދެ މިނެޓަށް ވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި 16،600 ފޫޓަށް ތިރިކޮށްފައިވެއެވެ.
ބައެއް ފަސިންޖަރުން ބުނެފައިވާ ގޮތުގައި 30 ސިކުންތުގެ ތެރޭގައި 14،000 އަށް ވުރެ ގިނަ ފޫޓަށް ތިރިވިއެވެ. އެ ވަގުތު ބޯޓުގެ ތެރޭގައި ބޮޑު ހާސްކަމެއް އުފެދި، މަތީގައި ހުންނަ ކޮމްޕާޓްމަންޓްތައް ހުޅުވި، ކަރަންޓު ދިޔަ ކަމަށް ފަސިންޖަރުންނާ ހަވާލާދީ ފޮކްސް ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ. ބޯޓުގެ ކޮކްޕިޓުން ވަނީ އާންމު ކުއްލި ހާލަތް އަންގައިދޭ "ސްކުއޯކް 7700" ގެ ސިގްނަލް ފޮނުވާފައެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، ހައިޖެކްކުރުން ނުވަތަ ގަވާއިދާ ހިލާފަށް ބޯޓަށް ނުފޫޒު ފޯރުވުން އަންގައިދޭ "ސްކުއޯކް 7500" ގެ ސިގްނަލްވެސް ފޮނުވާފައިވާކަމަށް އޭވިއޭޝަން ޑޭޓާތަކުން ދައްކައެވެ.
ބޯޓު ވެއްޓުނަނުދީ ސަލާމަތްވީ ޒަހަމްވެފައިވާ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން ފަސިންޖަރުން ވަދެ ކޯ ޕައިލެޓް އަތުލައިގަނެ، ބޯޓުގެ ކޮންޓްރޯލް ނެގުމުންނެވެ.
އޭބީސީ ނިއުސް އަދި ސީއެންއެން ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 29 އަހަރުގެ އަލް-ހައްމާމީގެ އަތުން 2024 ވަނަ އަހަރު ހަރުކަށި ފިކުރުގެ ލިޔެކިޔުންތަކެއް ފެނިފައިވެއެވެ. އަދި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޓެރަރިޒަމަށް ހިތްވަރުދޭ ފޮޓޯތައް ހުރިކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ. މިކަމާ ގުޅިގެން އޭނާ ކުރިން ވަޒީފާ އަދާކުރި އޮމާން އެއާގެ ޓްރެއިނީ ޕައިލެޓެއްގެ މަގާމުން ދުރުކޮށް، އެހެން ވަޒީފާއަކަށް ބަދަލުކުރިކަމަށް މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ. މީގެ އިތުރުން، އޭނާ ސީރިއާގައި އުޅުނު ދުވަސްވަރު ހަރުކަށި ފިކުރުގެ އަސަރުކޮށްފައިވާކަމަށް އަލް އަރަބިއްޔާއިން ރިޕޯޓުކޮށްފައިވެއެވެ.
ދުބާއީއިން ފުރައިގެން އިސްރާއީލުގެ ޓެލް އަވީވްއަށް 182 މީހުންނާއެކު ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓުގެ ކެޕްޓަން ސްމިތު މަޗްޗަރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަމާމް، ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުގެ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް