ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓާލައި، އެހެން ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ތިން ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ. އެ ތިން މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން މިރޭ ބުނީ ރޭ ފަތިހު 03:55 އެހައިކަންހާއިރު، މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ބީޓަކަށް ކާނޭޝަން މަގު ގޯޅިގަނޑެއްގެ ތެރޭގައި ސައިކަލެއް ކައިރީ ތިން މީހަކު ހަރަކާތްތެރިވަމުންދާތަން ފެނިގެން އެ ސަރަހައްދަށް ގޮސް ވަނީ ބަލައިފާސްކޮށްފައި ކަމަށެވެ.
އެ ވަގުތު، އެތަނުން އެކަކު ސައިކަލަށް އަރައިގެން ކާނޭޝަން މަގަށް ނެރެން އުޅެނިކޮށް ފުލުހުން އޭނާ ހުއްޓުވައި ސުވާލުކުރުމުން، އެ ސައިކަލަކީ އޭނާގެ ދައްތަގެ ފިރިމީހާގެ ސައިކަލެއްކަމަށް ވަނީ ބުނެފައިކަމަށް ފުލުހުން ބުންޏެވެ.
އެ ވަގުތު ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑުގެ މައުލޫމާތު އޭނާ ދެއްކި ވާހަކައާ ދިމާވި ނަމަވެސް، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ވަނީ ސައިކަލުގެ އިންޖީނު ނަންބަރު ޗެކްކޮށްފައިކަމަަށް ފުލުހުން ބުންޏެވެ. އަދި އިންޖީނު ނަންބަރު ދިމާނުވުމުން ފުލުހުންގެ ކޮމާންޑް ސެންޓަރު މެދުވެރިކޮށް ބެލިބެލުމުން، އެ ސައިކަލުގެ އަސްލު ރަޖިސްޓްރީ ނަންބަރަކީ އެހެން ނަންބަރެއްކަން ވަނީ ކަށަވަރުވެފައިކަމަށް ފުލުހުން ބުންޏެވެ.
އެ ގޯޅިގަނޑު ތެރޭގައި ސައިކަލު ޕާކުކޮށްފައި ހުރި ސަރަހައްދު ފުލުހުން އިތުރަށް ބަލައިފާސްކުރިއިރު، އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް ސައިކަލުގެ އަސްލު ނަންބަރު ބޯޑު އެއްލާލާފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން، އެ ތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށާއި، ސައިކަލު ޓޯކޮށް، ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރިކަމަށް ބެލެވޭ ތަޅުދަނޑިއާއި، ފެނުނު އަސްލު ނަންބަރު ބޯޑު ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް