ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ވަންވޭއާ ހިލާފަށް ދުއްވި މައްސަލައެއްގައި ބިދޭސީ ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީ ލަންކާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މިރޭ ބުނީ އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 02:14 އެހައިކަންހާއިރު ކަމަށެވެ. އެ ވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ބީޓަކަށް، ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ހިލާފަށް ސައިކަލެއް ދުއްވާފައި ދިޔަކަން ފާހަގަކުރެވިގެން ވަނީ އެ ސައިކަލު ހުއްޓުވާފައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެ ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމާ ގުޅިގެން އެ ސައިކަލު ވަގުތުން ވަނީ ޓޯ ޔާޑަށް ގެންގޮސްފައިކަމަށް ފުލުހުން ބުންޏެވެ. އަދި ޓޯ ޔާޑުން އެ އުޅަނދު އިތުރަށް ޗެކްކޮށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި، އޭގެ އިންޖީނު ނަންބަރު އަދި ޗެސިސް ނަންބަރު ދިމާނުވާކަން ފާހަގަކުރެވުނުކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ސިސްޓަމް މެދުވެރިކޮށް ސައިކަލުގެ އަސްލު ނަންބަރުތައް ބަލައި ޗެކްކުރުމުން، އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ވަނީ ކަށަވަރުކުރެވިފައިކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން، ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެ ދެ މީހުން ވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް