ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުުރު ދާއުިރާގެ މެންމަރު އީވާ އަބުދުﷲގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ސޮއި ކުރެއްވި މެންބަރުން އަނބުރާ ސޮއި ގެންދަވާފައިވާތީ، އެ ދެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި އިރުވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންދިއުމަށް އެ މައްސަލަ ހުށަހެޅި އެމްޑީޕީގެ ޕީޖީ ގްރޫޕުން އޮތީ ފާސްކޮށްފައެވެ.
ނަމަވެސް ރިޔާސަތަށްވަޑައިގެން މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދު އޮތީ މަޖިލިސް ރައީސްގެ މަގާމުން އެމަނިކުފާނު ވަކި ކުރުމުގެ މައްސަލައިގެ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުން ގޮތެއް ނިންމުން ކަމަށެވެ.
"މިގޮތަށް އެޖެންޑާ ކޮށްފައި ވަނިކޮށް އެ އިތުބާރު ނެތްކަމަށް ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 25 ބޭފުޅަކު ވަނީ އެބޭފުޅުންގެ ނަން އަނބުރާ ގެންދަވައިފަ. މި މައްސަލަ ކުރިއަށް ދިއުމަށް 22 މެންބަރުންގެ ސޮއި ބޭނުންވޭ، އެހެންވީމާ އަދި 22 މެންބަރުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށްދާނެ، އިތުރު 8 ބޭފުޅުންގެ ސޮއި އަނބުރާ ނުގެންދަވަނީ ނަމަ މައްސަލަ ކުރިއަށް ގެންދެވޭނެ،"
އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިގަންނަވާތީ، މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އަފީފާ ހަވާލު ކުރެއްވުމަށްފަހު މަޖިލިސް ރައީސް ރިޔާސަތުން ފައިބައި ވަޑައިގެންނެވިއެވެ.
އަފީފު ރިޔާސަތާ ހަވާލުވެ ޖަލްސާ ކުރިއަށްގެންދަން ފެއްޓެވުމުން، އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވާ ކަމަށާއި ނަމަވެސް އެކަން މަޖިލީހަށް ހުށަހެޅުމުގައި އިދާރީގޮތުން އޮޅުމެއް އަރާތީ އެކަމަށްޓަކައި 15 ވަރަކަށް މިނެޓްގެ ފުރުސަތެއް ދެއްވުމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވިއެވެ.
އެކަމާ ގުޅިގެން އެމްޑީޕީއަށް އެ ފުރުސަތު ދިނުމަށް 9:30 އެހާކަންހާއިރު އަފީފު ޖަލްސާ މެދުކަނޑުއްވާލެއްވިއެވެ.
އެއަށްފަހު 10:30 ހާކަންހާއިރު ޖަލްސާ ފެއްޓެވުމަށްފަހު، އަފީފު ވިދާޅުވީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާނެގޮތެއް ކަނޑައެޅުން ކަމަށެވެ.
ނަމަވެސް "މަޖިލީހުގެ އިދާރާއަށް މިހާރު ވަނީ މި މައްސަލަ ހުށަހެޅުއްވުމަށް ސޮއިކުރެއްވި މެންބަރުންނާއި އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބުދުﷲ މަގާމުން ވަކި ކުރަން ސޮއިކުރެއްވި މެންބަރުން އެ ގަރާރުން ސޮއި އަނބުރާ ގެންދަވައިފަ،" ކަމަށެވެ.
އެގޮތުން މަޖިލިސް ރައީސް، މަގާމުން ވަކިކުރުމުގެ ގަރާރުގައި ސޮއި ކުރެއްވި 54 މެންބަރުންނާއި ނައިބު ރައީސް މަގާމުން ވަކި ކުރަން ސޮއި ކުރެއްވި 50 މެންބަރުންގެ ތެރެއިން 33 މެންބަރުން ގަރާރު އަނބުރާ ގެންދެވުމަށް ލިއުން ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މަޖިލިސް ރައީސް މަގާމުން ވަކިކުރަން ސޮއިކުރައްވާފައި ތިއްބެވި މެންބަރުންގެ އަދަދަކީ 21 ކަމަށާއި ނައިބު ރައީސް މަގާމުން ވަކިކުރަން ސޮއި ކުރެއްވި މެންބަރުންގެ އަދަކީ 17 ކަމަށް ވެސް ވިދާޅުވިއެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ގަވާއިދުގައި ބުނާ އަދަދަށް މެންބަރުންގެ ސޮއި ހަމަނުވާތީ އެ ދެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވެން ނެތް ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދުނޫން އަދަދެއްގެ މެންބަރުން ސޮއި ކުރައްވާފައި ހުށަހަޅުއްވުމުންނެވެ. އެއީ 22 މެންބަރުންނެވެ.
އެ ދެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިއުމުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މަސައްކަތް ކުރިއަށްގެންދެވެން ނެތުމުން ޖަލްސާ ނިންމަވައިލެއްވީ ކަމަށް އަފީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު