ފުރަތަމަ ބުރުގައި ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ވާހަކަތަކަކީ ދޮގެއްކަން ރައްޔިތުންނަށް ރަނގަޅަށް ސާފުކޮށް ނުދެވުން ކަމަށާއި ދެވަނަ ބުރުގައި ހާމަކުރެވެން ހުރި ހުރިހާ އެއްޗެއް ހާމަކޮށް އިތުރަށް ހަގީގަތް އޮޅުންފިލުވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވައި ބޮޑު އަގުލަބިއްޔަތަކުން އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ފޯން އިންޓަވިއުއެއްގައި ރައީސް ސޯލިހު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް އަމާޒުކޮށް ދެއްކި ދޮގު ވާހަކަތަކަކީ މި ސަރުކާރުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލަން މަސައްކަތްތަކެއް ކޮށްފައި ހުރި ވާހަކަތަކާއި ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ދެއްކި ވާހަކަތައް ކަމަށެވެ.
ރައީސް ވިދާޅުވީ އެކަހަލަ ބައެއް ދޮގު މައުލޫމާތުތަކެއް، ދޮގު ވާހަކަތަކެއް ކިޔައިދީގެން ރައްޔިތުންނަށް އެކަންކަން ގަބޫލު ކުރެވޭ ވަރަށް އެވާހަކަތައް ދައްކާފައި އެބަހުރި ކަމަށެވެ. އެއީ އެއްވެސް ކަހަލަ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެޔަކަށް، ރައްޔިތުންނަށް އޮޅުންފިލުވައިދެވޭ ވަރަކަށް ކެމްޕޭން ތެރޭގައި މަސައްކަތް ކުރެވިފައެއް ނެތް. އެއީ އެންމެ ބޮޑު ޗެލެންޖަކަށް ފުރަތަމަ ބުރުގައި ވެގެންދިޔައީ. މިބުރުގައި އެ ހާމަކުރެވެން ހުރި ހުރިހާއެއްޗެއް ހާމަކޮށް އެކަން ރައްޔިތުންނަށް އަޅުގަނޑުމެން އޮޅުންފިލުވައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ވާހަކަތަކަކީ ދޮގު ކަމަށާއި އޭގައި ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.
"އެ އެއްޗެހިތައް ކިޔައިދިނީމަ އަޅުގަނޑު ހިތުން ރައްޔިތުންނަށް ވިސްނޭނެ މި އޮޅުވައިލުމަކާއި ދޮގެއްގެ ތެރެއިން ކޮށްފައި ހުރި ކަންތައްތައްކަން. އަޅުގަނޑު ހިތުން އެކަން ކުރެވޭނެ އަޅުގަނޑުމެންނަށް ދެވަނަ ބުރެއްގައި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފުރަތަމަ ބުރުގައި ވަރަށް ގިނަ މިސްޓޭކްސް ހެދިފައި އެބަހުރި ކަމަށާއި އެ ނަތީޖާއަކީ އުންމީދު ކުރި ނަތީޖާއެއް ނޫން ކަމަށެވެ. އެންމެ ބޮޑު މައްސަލައަކަށް ފާހަގަވެފައިވަނީ ޓާން އައުޓް ދަށްވި މައްސަލަ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނަށް ވޯޓް ދޭން ނިންމައިގެން ތިބި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވޯޓް ނުލައި އެބަތިބި ކަމަށާއި ވޯޓް ލާން ނުނެރެވި އެބަތިބި ކަމަށެވެ. އެއީ އިދާރީ ގޮތުން ކުރަން ހުރި ކަންކަންމުގައި ހުރިހާ ދާއިރާއަކުން ފަރުވާ ކުޑަ ކުރެވިފައި ހުރުމުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު