ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާ ވަރަށް އެ މައްސަލައިގައި، ސޮއި ކުރެއްވި މެންބަރުންގެ ސޮއި އަނބުރާ ގެންދިއުމަށް، އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެމްޑީޕީން އެދިގެން އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން ކުޑަ ވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލައިފިއެވެ.
މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 54 މެންބަރުން ސޮޔާ އެކު މިދިޔަ ޖޫން މަހުގައެވެ.
މަޖިލިސް ގަވައިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮޔެވެ.
އެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށްފައި ވަނިކޮށް، މަޖިލިސް ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރޭ ވަނީ ނިންމައިފައެވެ.
ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދު އޮތީ މަޖިލިސް ރައީސްގެ މަގާމުން އެމަނިކުފާނު ވަކި ކުރުމުގެ މައްސަލައިގެ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާމެދު މަޖިލީހުން ގޮތެއް ނިންމުން ކަމަށެވެ.
"މިގޮތަށް އެޖެންޑާ ކޮށްފައިވަނިކޮށް އެ އިތުބާރު ނެތްކަމަށް ސޮއިކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 25 ބޭފުޅަކު ވަނީ އެބޭފުޅުންގެ ނަން އަނބުރާ ގެންދަވައިފަ މި މައްސަލަ ކުރިއަށް ދިއުމަށް 22 މެންބަރުންގެ ސޮއި ބޭނުންވޭ، އެހެންވީމާ އަދި 22 މެންބަރުންގެ ސޮއި އޮތުމާއެކު މައްސަލަ ކުރިއަށްދާނެ، އިތުރު 8 ބޭފުޅުންގެ ސޮއި އަނބުރާ ނުގެންދަވަނީނަމަ މައްސަލަ ކުރިއަށް ގެންދެވޭނެ،"
އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ދެކެވަޑައިގަންނަވާތީ، މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އަފީފާ ހަވާލު ކުރެއްވުމަށްފަހު މަޖިލިސް ރައީސް ރިޔާސަތުން ފައިބައި ވަޑައިގެންނެވިއެވެ.
އަފީފު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ޖަލްސާ ފެއްޓެވުމުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ފުރިހަމަ ކުރުމުގައި އިދާރީ ކުޑަ އޮޅުމެއް އަރައިގެން އުޅޭ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާވަރަށް، "މެންބަރުންގެ ސޮއި ހަމަވެފަ އޮތީ އެހެންވީމާ މިހާރުއޮތް 25 ގެ އިތުރަށް ވެސް ނަގަން ބޭނުންވާ ހުރިހާ ސޮއި ނަގަން ލިބިފައި އޮތަތީވެ އިތުރަށްދެން މި މައްސަލައަށް ބަހުސްކޮށްގެން ކުރިއަށް ގެންދެވޭނެ ހާލަތު އޮތް ކަމަކަށް ނުފެނޭ، ޕީޖީ ގްރޫޕުގެ އަގުލަބިއްޔަތުން މައްސަލަ ލީ، މައްސަލަ އަނބުރާ ގެންދިއުމަށް އަގުލަބިއްޔަތުން ފާސްކޮށްފަ އޮތަތީ،" ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް އަފީފު ވިދާޅުވީ، ޝަރީފް ވިދާޅުވާ ގޮތަށް އެކަން ކުރިއަށް ގެންދެވެން ނެތްކަމަށެވެ. މައްސަލައިގައި ސޮއި ކުރައްވާފައިވާ މެންބަރުންގެ ތެރެއިން، މައްސަލަ އަނބުރާ ގެންދަން ޖެހޭ ވަރަށް މެންބަރުންގެ ސޮއި ނުނަގާހާ ހިނދަކު އެ މައްސަލައިގައި ޖަލްސާ ކުރިއަށްގެންދާނެ ގޮތަކާމެދު މަޖިލީހުން ގޮތެއް ނންމަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅުގެން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، މިހުރިހާ ދުވަހު ކޮމިޓީތައް ނުހިނގައި އޮތުމުން ކަމަށްބުނެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ކޮމިޓީތަކުގެ މައްސަލައަށް ގޮތެއް ނުނިމެނީސް އެ މައްސަލަ އެެޖެންޑާއަށް ގެނައީ މަޖިލިސް ގަވައިދުގެ ކޮން މާއްދާއެއްގެ ދަށުންތޯ އޮޅުން ފިލުވުމަށް އާމިރު ސުވާލު ކުރެއްވިއެވެ.
ޖަވާބު ދެއްވަމުން އަފީފު ވިދާޅުވީ، ކޮމިޓީތައް އެކުލަވައިނުލެވުމުގެ ސަބަބުން، އާއްމު ކޮމިޓީއަށް އެކަން ކުރިއަށް ނުގެންދެވިގެން މަޖިލީހުން އެކަމަށް ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ މަޖިލިސް ތަޅުމަށް ގެނައީ ކަމަށެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން، މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލިސް ތަޅުމަށް އެޖެންޑާކޮށް ކުރިއަށް ގެންދެވޭނީ، އެ މައްސަލަ ކުރިއަށް ގެންދާނެ ގަޑިއަކާއި އެ މައްސަލައަށް ބަހުސްކުރާ މެންބަރުންނަށް ފުރުސަތު ދޭންޖެހޭ ވަގުތާއި، އަދި ދިފާއުވާން ބޭނުން މީހާއަށް އެފުރުސަތު ދޭން ޖެހޭ ވަގުތު، މަޖިލީހުގެ އާއްމު ކޮމިޓީން ކަނޑައަޅައިގެންނެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލައިގައި ވަގުތުދޭނެ ގޮތްތައް ނިންމަން ޖެހޭނީ ކޮމެޓީން ކަމަށް މަޖިލިސް ގަވައިދު ބުނާތީ، މުޅި މަޖިލީހުގެ ކޮމެޓީން އެކަމަށް ގޮތެއް ނިނުމަށް އޭނާ ހުށަހެޅުއްވިއެވެ.
"މިއަދާ ހަމައަށް ކޮމިޓީތައް އެކުލަވާލެވިފައެއް ނުވޭ އެހެންކަމުން މުޅި މަޖިލިސް ކޮމިޓީއަކަށް ގޮސް މިކަމާމެދު ގޮތެއް ނިންމަން، މީގެކުރިން މަޖިލީހުގެ އާއްމު ކޮމިޓީން ކަންތައް ކުރާގޮތަށް ކަންކުރުމަށް ހުށަހަޅަން،" ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، "އެކަމުގައި އެމްޑީޕީގެ ޕީޖީ ގްރުޕުގެ ނިންމުމެއް އެބައޮތް، އިދާރީގޮތުން ކުރަން ޖެހޭ ކަންކަންކުރުމަށް ވަގުތުކޮޅެއް އެބަ ބޭނުންވޭ ޕީީޖީން ނިންމާގޮތަށް އަމަލުކުރަން، އެހެންކަމުން ސޮއި ހަމައަށް ނެގުމަށްފަހު، ހުށަހެޅުމަށް 15 ވަރަކަށް މިނެޓްގެ ފުރުސަތެއް ދެއްވުމަށް މަޖިލިސް ޖަލްސާ މެދުކަނޑާލަން،" ހުށަހަޅާ ކަމަށެވެ.
ނަމަވެސް މުޅި މަޖިލިސް ކޮމިޓީއެއްގެ ގޮތުގައި ގެންގޮސް އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް އަލީ އާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ތާއީދު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އިތުބާރުނެތްކަމުގެ މައްސަލަ ނެގުމަށް އެމްޑީޕީން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް މައްސަލަ އެޖެންޑާގައި އޮތުމުން ކުރިއަށް ގެންގޮސް މަޖިލީހުން އެކަމާމެދު ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.
ހަސަލް ލަތީފު އެގޮތަށް ވިދާޅުވި ނަމަވެސް އެ ހުށަހެޅުން ހުށަހެޅުއްވި އަލީ އާޒިމް ވިދާޅުވީ، އެކަމަށް ގޮތެއް ނިންމުމަށް 15 މިނިޓްގެ ވަގުތުކޮޅަކަށް އެމްޑީޕީން އެދިފައިވާތީ، މަޖިލިސް ޖަލްސާ 15 މިނިޓަށް މެދު ކަނޑާލުން މުހިއްމު ކަމަށެވެ.
މެންބަރުންގެ ވާހަކަތަކަށް ބެއްލެވުމަށްފަހު އެމްޑީޕީން ހުހެޅި ގޮތަށް އެ ޕާޓީއަށް ހުސްވަގުތުކޮޅެއް ދިނުމަށް 9:30 އެހާކަންހާއިރު އަފީފު ޖަލްސާ މެދު ކަނޑުއްވައިލެއްވިއެވެ. ވިދާޅުވީ ދެން ޖަލްސާ ފައްޓަވާނީ 9:45 ގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު