އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ އޭނާގެ ސިޔާސީ ހަޔާތުގައި ލިބުނު އެންމެ ހައިރާން ކުރަވަނިވި ނަތީޖާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އަމާޒަކަށްވީ، މި އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެއްބުރުން ކާމިޔާބު ކޮށްދިނުމަށެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ ދެވަނައެވެ. އެއްވައިނައިގައި އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.
މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެދިފައިވާ ގޯސްތައް ރަނގަޅުކޮށް ރައީސް ސޯލިހަށް ދެވަނަ ބުރެއް ކާމިޔާބުކޮށްދެއްވާނެ ކަމަށެވެ،
"މިނަތީޖާއަކީ ސިޔާސީ ހަޔާތުގައި އަޅުގަނޑަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނު ފަހަރު. މިހަގީގަތް ގަބޫލުކޮށް އަދި ހަޖަމުކޮށްގެން، ހެދިފައި ހުރި ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއިންތިހާބު ކާމިޔާބުކުރެވޭނެ،" މަހުލޫފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެއްވައިނައިގައި އޮތީ 45 ޕަސަންޓާއެކު ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ކަމަށެވެ. ނަމަވެސް އެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25 ޕަސަންޓު ލިބުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދު ކުރި ހޯއްދެވީ 45 ޕަސަންޓާއެކު ކަމަށްވިޔަސް، އެ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި 25 ޕަސަންޓު ލިބުނު ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް، މަހުލޫފު ވިދާޅުވިއެވެ.
ތާރީހުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ރައީސް ސޯލިހަށް ދެވަނަ ބުރު ކާމިޔާބުކުރެވިދާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު