ޚަބަރު

ކޯލިޝަން ހެދުމަށް ހުރިހާ ފަރާތްތަކާ ވެސް މަޝްވަރާކުރާނެ: އިލްޔާސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ހުރިހާ ފަރާތްތަކާ އެކު ވެސް މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އިލްޔާސަށް ލިބިވަޑައިގެންނެވީ ތިންވަނައެވެ. އެހެންވެ ދެވަނަ ބުރަކަށް ހޮވިވަޑައިގެންފައެއް ނުވެއެވެ. އޭނާއަށް ލިބުނީ އިންތިހާބުގެ 6.94 ޕަސަންޓެވެ. އެއީ 15،558 މީހުންގެ ވޯޓެވެ.

އިންތިހާބުގެ އެއްވަނަ ލިބިވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަށް ލިބިވަޑައިގެންނެވީ 45.26 ޕަސަންޓެވެ. އެއީ 101،394 ވޯޓެވެ. ރައީސް ސޯލިހަށް 38.25 ޕަސަންޓު ލިބުނު އިރު، އެއީ 85،698 މީހުންގެ ވޯޓެވެ.

ދަ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ ކޯލިޝަން ހެދުމުގެ މަޝްވަރާއެއް އަދި އެ ޕާޓީން ފަށާފައިނުވާ ކަމަށެވެ. އެހެން ޕާޓީތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދަނީ ޕާޓީގެ ފަރާތުން އަރުވާ ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ދޮރެއް ބަންދުކޮށްފަކާއެއް ނެތް. ވަކި ބަޔަކާ ވާހަކަދައްކަންވެސް ނުދައްކަވެސް ނިންމާފައެއް ނެތް. އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއް. ސިޔާސީ ޕާޓީން، ސިޔާސީ ޕާޓީތަކާ، ސިޔާސީ ކަންކަމުގެ މަޝްވަރާކުރާނެ، ކުރަންޖެހޭނެ. އަޅުގަނޑުމެން އެ މަޝްވަރާތައް ހުރިހާ ބަޔަކު މީހުންނާއެކު ވެސް ކުރިއަށް ގެންދާނަން،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ވާދަކުރާ ފުރަތަމަ އިންތިހާބެއްގައި ލިބޭ ވޯޓުން ބަލިވުމާއި މޮޅުވުން ކަނޑަނޭޅޭނެ ކަމަށެވެ. ދަ ޑިމޮކްރެޓްސް އުފެއްދީ ހަމައެކަނި މި ރިޔާސީ އިންތިހާބަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއަށް މިއީ ފެށުމެއް ކަމަށާއި ބޭނުންވާ މަންޒިލާ ހަމައަށް ދެވޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން ވަނީ އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ދީފައި ކަމަށާއި އެ ޕާޓީއަށް ވޯޓު މަދުވި ސަބަބު ހުރިހާ ސިޔާސީ ޕާޓީތަކުން ބަލަންޖެހޭނެ ކަމަށެވެ.