އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބުނުވެ، ދެވަނަ ބުރަކަށް ދާން ޖެހުމުގައި ވިސްނިފައި ނެތް ބައެއް ކަންކަން އެބަހުރި ކަމަށާއި އެކަންކަން ޕްލޭންކޮށް ދެވަނަ ބުރަކަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރި ހޯއްދަވަައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ދެވަނަ ބުރަކަށް ވަޑައިގެންނެވުމުން، ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ސޯލްޓް ރެސްޓޯރަންޓް ހިންގާ އިމާރާތުގައި ހުންނަ ރައީސް ސޯލިހުގެ ކެމްޕެއިން އޮފީހުން ނުކުމެވަޑައިގަތް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ދެވަނަ ރައުންޑަކަށް ތައްޔާރުވަމުންދާ ކަމަށާއި ޕްލޭން ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިން ވިސްނިފައި ނެތް ބައެއް ކަންކަން އެބަހުރި ކަމަށާއި އެކަމާ ދޭތެރޭ މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

ދެވަނަ ބުރެއްގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ ކޮންމެ ގޮތަކަށް ވިޔަސް އެމްޑީޕީން ވެސް ބަޔަކާ ބައިވެރިވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ހިތުން ޕީޕީއެމް ވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ. ދެން އެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ބުރަކާ މެދު ކިހާ ޔަގީންކަމެއް އެބައޮތްތޯ ވިދާޅުވީ މަސައްކަތް ފަށައި އެކަމާ ދޭތެރޭ ވިސްނަވާނީ މިއަދު ކަމަށެވެ. އިތުރު އެއްޗެއް ވިދާޅުނުވެ ރައީސް ވަނީ އެސަރަހައްދުން ވަޑައިގެންފައެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެގޮތުން މުއިއްޒަށް 101،394 ވޯޓް ލިބިވަޑައިގެންނެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،698 ވޯޓެވެ. މުއިއްޒު، ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދަވާފައިވަނީ 15،696 ވޯޓުގެ ތަފާތުންނެވެ.

ދެން ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން ދަ ދިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންފައިވަނީ 6.93 ޕަސެންޓެވެ. އަމިއްލަ ކެނޑިޑޭޓް އުމަރު ނަސީރަށް ލިބިވަޑައިގެންފައިވަނީ 2.81 ޕަސެންޓް ވޯޓެވެ. ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައިވަނީ، 2.49 ޕަސެންޓެވެ. ދެން ހިމެނެނީ އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ފާރިސް މައުމޫމާއި ހަސަން ޒަމީލެވެ.

ގާނޫނު ބުނާގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ވާނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ލިބިގެންނެވެ. އެ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ، ނަތީޖާ ނެރޭނީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، މިމަހުގެ 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށެވެ.