ބްރެޒިލް

ނޭމާ، ޕެލޭގެ ޒަމާންވީ ގޯލު ރެކޯޑު މުގުރާލައިފި

ބްރެޒިލްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު، ނޭމާ މުގުރާލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ބްރެޒިލުން ބޮލީވިއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ނޭމާ ދެ ގޯލު ޖަހާފައިވާ އިރު، އޭނާގެ އިތުރުން ގޯލު ޖެހީ ރޮޑްރީގޯ އާއި ރަފީނިއާއެވެ. ހުކުރު ދުވަހުގެ ރޭގެ މެޗުގައި ނޭމާ ޕެނަލްޓީއެއްވެސް ނާކާމިޔާބު ކޮށްލާފައިވާ އިރު، އޭނާ ޕެލޭގެ ރެކޯޑު މުގުރާލީ ގައުމީ ޓީމަށް ކުޅުނު 125 މެޗުން 79 ގޯލު ޖަހައިގެންނެވެ.

އުމުރުން 31 އަހަރުގެ ނޭމާ، ދާދިފަހުން ސައުދީ ލީގުގެ އަލް-ހިލާލަށް ބަދަލުވެފައިވާ އިރު، ރޭގެ ކޮލިފިކޭޝަން މެޗަށް ނުކުތް އިރުވެސް ނޭމާ އޮތީ ޕެލޭގެ ރެކޯޑާ ހަމަކޮށްފައެވެ. އެއީ 77 ގޯލު ހަމަކޮށްގެންނެވެ. ޕެލޭ 77 ގޯލު ޖަހައިވަނީ 92 މެޗުންނެވެ. އެއީ 1957 ވަނަ އަހަރުން 1971 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް ކުޅުނު މެޗުތަކުގެ ތެރެއިންނެވެ. ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕެލޭ، ގިނަ ޒަމާންތަކެއް ވަންދެން ބްރެޒިލްގެ ގޯލު ޖެހުމުގެ ރެކޯޑު ދަމަހައްޓާފައިވާ އިރު، އޭނާ މިދިޔަ އަހަރު ޑިސެންބަރު މަހު މަރުވީ 82 ވަނަ އަހަރުގައެވެ.

ހުކުރު ދުވަހުގެ ރޭގެ މެޗަށްފަހު ނޭމާ ބުނީ ޕެލޭއަކީ ބޮޑު އައިޑަލްއެއް ކަމަށާއި އޭނާގެ ރެކޯޑާ ހަމައަށް ވާސިލުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. ނޭމާގެ ހާއްސަ ރެކޯޑަށް ބްރެޒިލްގެ ކޯޗު ފެނާންޑޯ ޑިނީޒް ވެސް ވަނީ ތައުރީފް ކޮށްފައެވެ.

ބްރެޒިލްގެ ފުޓުބޯޅަ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައި ވަނީ އަންހެން އެތުލީޓް މާޓާއެވެ. އޭނާ ވަނީ 189 މެޗުން 122 ގޯލު ގައުމީ ޖާޒީގައި ކާމިޔާބު ކޮށްފައެވެ.