މިރޭ ހެއިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ބަދަލުތަކެއް ފެނުން ގާތް ކަމަށާއި، އެ ބަދަލުތައް ގެނެސްގެންވެސް މައްސަލަތަކަށް ހައްލު ހޯދޭނެ ކަމުގެ ބޮޑު އިތުބާރެއް ޓީމަށް އެބައޮތް ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ބްރެޒިލުން މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ އެއްވަރުވީ 1-1 އިންނެވެ. އެ މެޗަށްފަހު ކޯޗު އެންޗެލޮޓީ ބުނީ ޓީމުގެ ކުޅުމާމެދު ހިތްހަމަ ނުޖެހޭ ނަމަވެސް، ފުރަތަމަ މެޗުން ގޮތް ނިންމަން އަވަސް ވާނެ ކަމަށެވެ. އެ މެޗުގެ ބޮޑުބައެއްގައި މޮރޮކޯއިން ކޮންޓްރޯލުކޮށްގެން ކުޅެފައިވާ އިރު، ބްރެޒިލަށް އެއްވަރު ކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ.

މިރޭގެ މެޗަށް ބްރެޒިލާ ދެކޮޅަށް ނުކުންނަ ހެއިޓީ އޮތީ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ކައިރިން ބަލިވެފައެވެ. އެހެން ނަމަވެސް އެ މެޗުގައި ހެއިޓީގެ ފަރާތުން ތަފާތު ހިތްވަރެއް ފެނުނެވެ. ހެއިޓީން ވޯލްޑް ކަޕަށް އެނބުރި އައިސްފައިވަނީ 52 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

"ފުރަތަމަ މެޗުން ވޯލްޑް ކަޕެއް ނުލިބޭނެ. ކުޅުންތެރިން އަމިއްލައަށް ގޯސް ގަބޫލުކޮށް ދެއްކި ވާހަކަ އަހަންނަށް ކަމުދިޔަ. އަހަންނަށް ހީވަނީ އަހަރެމެންނަށް މައްސަލަތައް ހައްލުވާނެހެން. އަހަރެން މިހުރީ ކޮންފިޑެންސާއެކެ. އަހަރެމެން މެޗަށް ނުކުންނާނީ ބައެއް ބަދަލުތަކާއެކު. އަހަރެމެން ޓީމުގެ ބެލެންސް ރަނގަޅު ކުރަން އެ ބަދަލު ގެންނަން ޖެހޭ،" އެންޗެލޮޓީ ބުންޏެވެ.

މޮރޮކޯ މެޗުގެ ފުރަތަމަ ހާފަށް ފަހުވެސް އެންޗެލޮޓީ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވީ މެދުތެރެއިން ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯގެ ބަދަލުގައި ފަބީނިއޯ ކުޅުމަށް ނެރުމެވެ.

އެންޗެލޮޓީ ބުނީ މޮރޮކޯ މެޗުގެ ފުރަތަމަ ހާފުގައި ކުޅުންތެރިންގެ ފަރާތުން ޕްރެޝަރު ފެނުނު ކަމަށެވެ. ބޮޑަށް ބެލެވެނީ ބްރެޒިލް ޖާޒީގައި ޕްރެޝަރު ކުރި ކަމަށް ކަމަށްވެސް އެންޗެލޮޓީ ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން އޭނާ ބުނީ ބްރެޒިލަކީ ވަކި އައިޑެންޓިޓީއަކަށްވުރެ އެތައް އައިޑެންޓިޓީއެއްގެ ޓީމަކަށްވުން އޭނާއަށް ރަނގަޅު ކަމަށެވެ.

ބްރެޒިލާއި ހެއިޓީ ވާދަކުރާ މެޗު އޮންނާނީ މިރޭ ފަތިހު 5:30 ގައެވެ.