ވޯލްޑް ކަޕް 2026 ގައި ހެއިޓީ އަތުން މޮޅުވެ، ބްރެޒިލުން ދެވަނަ ބުރުގެ އުންމީދު އާކޮށްފައެވެ.

ބްރެޒިލަކީ ފުޓުބޯޅައިގެ އެންމެ ކާމިޔާބު، އެންމެ ވަރުގަދަ އެއް ނަމެވެ. ބްރެޒިލާއި ފުޓުބޯޅަ ގުޅިފައި ވަނީ ހިތާއި ހިތުގެ ގުޅުމަކުންނެވެ. އެގައުމުގެ ސަގާފަތާއި ތަރިކައިގައި ފުޓުބޯޅައިގެ ހިއްސާ ބޮޑެވެ. ފީފާގެ މެންބަރެއްގެ ގޮތުގައި 1923 ވަނަ އަހަރުން ފެށިގެން ރަސްމީވި ބްރެޒިލްގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެންމެ ގިނަ ތަރިން ފުޓުބޯޅައަށް ގެނެސްދިން އެއް ޓީމެވެ. އެގައުމަކީ ފުޓުބޯޅައިގެ ހާއްސަ ސްޓައިލެއް ރަމްޒުކޮށްދޭ، ޗަރުކޭހުގެ ހުނަރު ދުނިޔެއަށް ދައްކުވައިލަދިން ގައުމެކެވެ.

ބްރެޒިލްގެ ފުޓުބޯޅައަށް ފަނޑު ދުވަސްތަކެއް އައީ މަދު ފަހަރަކުއެވެ. ބަލިވުމުގެ ހިތްދަތިކަންވެސް ތަޖުރިބާ ކުރަން ޖެހެނީ މަދު ފަހަރެއްގައެވެ. ކެނެރީ ރީނދޫ ރަމްޒުކޮށްދޭ ބްރެޒިލުން ފެނިގެން ދިޔައީ ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ ވަރުގަދަ ސްކޮޑުތަކެވެ. ރެކޯޑު ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ނަމެވެ.

ވޯލްޑް ކަޕްގެވެސް، ދެކުނު އެމެރިކާ ސަރަހައްދުގެވެސް އެންމެ ކާމިޔާބު ޓީމަކީ ބްރެޒިލެވެ. ބްރެޒިލުން ވަނީ 1958، 1962، 1970 ވަނަ އަހަރުގެ އިތުރުން 1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. ރީނދޫ ކުލައަށް ހާއްސަ ބްރެޒިލަށް މިހާތަނަށް ވޯލްޑް ކަޕަކުން ފުރުސަތު ގެއްލިފައެއް ނުވެއެވެ. 1930 ވަނަ އަހަރު އުރުގުއާއީގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕުން ފެށިގެން މިއަދާ ހަމައަށް ކޮލިފައިވީ ޕްލޭ އޮފްގައިވެސް ކުޅެން ނުޖެހިއެވެ.

ފީފާ ކޮންފެޑެރޭޝަންސް ކަޕްވެސް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލަށް ދުނިޔޭގެ ތަށްޓެއް ނުލިބޭތާ ޒަމާންތަކެއްވެފައިވީ ނަމަވެސް، އަދިވެސް އެގައުމަކީ ފެވަރިޓެކެވެ. ކޮލިފިކޭޝަނަކީ ގައުމުގެ ތާރީހަށް ބަލާއިރު އެންމެ ދަށް ކޮލިފިކޭޝަން ނަމަވެސް ފެވަރިޓުންގެ ޓެގެއް ނުގެއްލެއެވެ.

އުތުރު އެމެރިކާއަށް ނިސްބަތްވާ ހެއިޓީ ރަސްމީކޮށް އެސޯސިއޭޝަނަކާއެކު ފުޓުބޯޅައަށް ނުކުތީ 1904 ވަނަ އަހަރުއެވެ. ފީފާ މެންބަރުކަން ހޯދީ 1934 އަހަރުއެވެ. ހެއިޓީއަށް ފުރަތަމަ ވޯލްޑް ކަޕް ގެއްލުނީ މެންބަރު ގައުމަކަށް ނުވެ އޮތުމުންނެވެ. އޭގެފަހުން 1974 ވަނަ އަހަރާ ހަމައަށް ފުރަތަމަ ވޯލްޑް ކަޕަކަށް އިންތިޒާރު ކުރަން ޖެހުނެވެ. އެފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިފަހުން މިއީ ހެއިޓީއަށް ފުރަތަމަ ވޯލްޑް ކަޕެވެ. އެކި ފަހަރުމަތިން ކެރިބިއަން ކަޕް ކާމިޔާބު ކޮށްފައިވާ ހެއިޓީއަށް އެންމެ ބޮޑު ކާމިޔާބީއަކީ ކޮންކަކަފް ގޯލްޑް ކަޕް، 1973 ވަނަ އަހަރު ކާމިޔާބުކުރުމެވެ. 52 އަހަރު ފަހުން ހެއިޓީ ވޯލްޑް ކަޕަށް ނުކުތީ ގައުމުގެ ހާލަތު އޮތް ގޮތުން ކޮލިފިކޭޝަންގައިވެސް ހޯމް މެޗެއް ނުކުޅެއެވެ.

"ގްރޫޕު ސީ" ގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި 1-1 ގެ ނަތީޖާއަކުން މޮރޮކޯ އަތުން ވަނީ އެއްވަރުވެފައެވެ. އަދި ހެއިޓީގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ސްކޮޓްލެންޑް އަތުން ވަނީ ބަލިވެފައެވެ. މުބާރާތުގައި ކުރިއަށްދިއުމަށް މި މެޗަކީ ދެ ޓީމަށް ވެސް މުހިންމު މެޗެކެވެ.

މިއަދުގެ މެޗަށް ވެސް އަނިޔާއިން މުޅިން ރިކަވޭވެފައިނުވާތީ، ސްކޮޑުގައި ބްރެޒިލް ތަރި ނޭމާ ހިމަނައިފައެއް ނުވެއެވެ. ނަމަވެސް ވިނީޝިއަސް ޖޫނިއާ އަދި ރަފީނިއާއާއެކު ބްރެޒިލްގެ ފުރަތަމަ 11 ވަރުގަދައެވެ. އަދި ހެއިޓީން ވެސް ވަނީ އެޓީމުން ނެރެވޭނެ އެންމެ ވަރުގަދަ ފުރަތަމަ 11 ނެރެފައެވެ.

އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި މިއަދު ކުޅުނު "ގްރޫޕު ސީ"ގެ މެޗުގައި ހެއިޓީގެ މައްޗަށް ބްރެޒިލުން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އެޓޭކުގައި ބްރެޒިލުން މަސައްކަތްކުރި ނަމަވެސް، ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ވަރުގަދަ ބްރެޒިލާ ދެކޮޅަށް ކުޅުނު ނަމަވެސް، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަސައްކަތްކުރިއެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރަފީނިއާ، ހެއިޓީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. ނަމަވެސް އޭނާއަށް ބޯޅަ ލިބުނު އިރު، އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފައެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގެ ކުޅުން ނިމުނު އިރުވެސް، ބްރެޒިލަށް ހެއިޓީގެ ގޯލާ އަމާޒުކޮށް ބޯޅަ ފޮނުވާލެވިފައެއް ނުވެއެވެ. ބްރެޒިލުން ވިނީޝިއަސް އާއި ރަފީނިއާގެ ބޭނުން ހިފައި، އެޓޭކު ކުރުމަށް މަސައްކަތްކުރި ނަމަވެސް، ހެއިޓީގެ ޑިފެންސް ފެނިގެންދިޔައީ ވަރަށް އޯގަނައިޒްކޮށެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ވިނީޝިއަސް ފޮނުވާލި ހަމަލާ، ހެއިޓީ ކީޕަރު ޖޯނީ ޕްލަސީޑް މަތަކުރުމާއެކު ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެތިއަސް ކޫންޏާ އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެ ބޯޅަ ދިފާއުކުރުމަށް ހެނެސް ޑެލްކްރޮއިޒް ދިފާއުކުރުމަށް މަސައްކަތްކުރި ނަމަވެސް، ކޫންޏާގެ ފައިގައި ޖެހި ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައެވެ.

އޭގެ ފަސް މިނެޓުފަހުން ބްރެޒިލްގެ ރަފީނިއާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ގޯލަށް ނުރައްކާކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ނަމަވެސް ރަފީނިއާއަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލު ނުކުރެވުމާއެކު، ހެއިޓީގެ ކީޕަރު ޕްލަސީޑް ވަނީ ބޯޅަ ހޯދައިފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ވިނީޝިއަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ކޫންޏާ އެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ބްރެޒިލަށް ހިތްދަތިކަމަކާ ކުރިމަތިލާން ޖެހުނީ އަނިޔާއަކާ ގުޅިގެން އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ރަފީނިއާ ބާލަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ރަޔަން އެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވިނީޝިއަސް ވަނީ ބްރެޒިލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ލޫކަސް ޕަކެޓާ ދިން ބޯޅައެއް ހިފައިގެން ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ހެއިޓީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އެ ގޯލަކީ މި ވޯލްޑް ކަޕްގައި ވިނީޝިއަސް ޖެހި ދެވަނަ ގޯލެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ބަދަލުތަކާއެކު ހެއިޓީން ވަނީ އެޓޭކަށް މަސައްކަތްކޮށް، ބްރެޒިލްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ބްރެޒިލްގެ ޑިފެންސުން ހެއިޓީއަށް ގޯލަށް ނުރައްކާކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ބްރެޒިލަށް އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހެއިޓީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ރަޔަންގެ ފައިގައި ލައްވާލައިފައެއް ނުވެއެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ހެއިޓީން ބްރެޒިލްގެ ގޯލަށް ނުރައްކާކުރިއެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރިކާޑޯ އަޑޭ ބޮލުން ފޮނުވާލި ހަމަލާ، ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ. އެލިސަން މަތަކުރި ބޯޅަ، ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް، ގޯލު ލައިންމަތިން ބްރެޒިލް ޑިފެންޑަރު ޑެނީލޯ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 69 ވަނަ މިެނޓުގައި ބްރެޒިލަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރީތި ކުޅުމަކާއެކު، ވިނީޝިއަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގެބްރިއެލް މާޓިނެލީ ފޮނުވާލި ހަމަލާ، ކީޕަަރު ޕްލަސީޑާގެ އަތުގައި ޖެހި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ވެސް ބްރެޒިލަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ރަޔަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޑަގްލަސް ސަންޓޯސް ފޮނުވާލި ހަމަލާ ދިޔައީ ހެއިޓީގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ތިން މިނެޓުފަހުން ހެއިޓީގެ ގޯލުގެ ތެރެއަށް އެންޑްރިކް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައެވެ.

މި ނަތީޖާއާއެކު ބްރެޒިލުން ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް މޮރޮކޯއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވާ އިރު، ބްރެޒިލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސްކޮޓްލެންޑަށް ތިން ޕޮއިންޓު އަދި ހެއިޓީއަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މެޗުގެ ފަހުކޮޅު ވިނީޝިއަސް ވެސް ބާލައި، ބަދަލުތަކެއް ގެނައި ނަމަވެސް، މާބޮޑު އެޓޭކުތަކެއް ބްރެޒިލުގެ ފަރާތުން ފެނިފައެއް ނުވެއެވެ. ހެއިޓީން އެޓޭކުކުރަމުން ދިއުމުން، ބްރެޒިލުގެ ޑިފެންސުން މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ދެން މި ގްރޫޕުގައި ކުޅެން ޖެހޭނީ ގްރޫޕުގެ ފަހު މެޗުތަކެވެ. ބްރެޒިލްގެ ފަހު މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، މޮރޮކޯ އިން ނުކުންނާނީ ހެއިޓީއާ ދެކޮޅަށެވެ.