ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗުން ހަނިގޮތަކަށް ބަލިވި ނަމަވެސް، އެމެޗުން ފެނުނީ ހެއިޓީ ވޯލްޑް ކަޕްގައި ކުޅުން ހައްގުކަން ކަމަށާއި، ބްރެޒިލް މެޗަކީ މުޅި ގައުމަށް ތަފާތު އުފާވެރިކަމެއް ގެނެވިދާނެ މެޗެއް ކަމަށް ކޯޗު، ސެބެސްޓިއަން މިންޔާ ބުނެފިއެވެ.
ހެއިޓީން 52 އަހަރު ފަހުން ވޯލްޑް ކަޕްގައި ކުޅެމުން އަންނަ އިރު، އެގައުމަކީ ދާހިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ގައުމެކެވެ.
ހެއިޓީން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ކޮލިފިކޭޝަން ހޯމް މެޗުތައްވެސް ނިއުޓްރަލް ދަނޑުތަކުގައި ކުޅުމަށްފަހުއެވެ. ފުރަތަމަ މެޗުގައި ހެއިޓީން ސްކޮޓްލޭންޑް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ހިތްވަރާއެކު މިރޭ ނުކުންނާނީ ވޯލްޑް ކަޕްގެ ތަށި ފަސް ފަހަރު ހޯދާފައިވާ އެންމެ ޝަރަފުވެރި ބްރެޒިލާ ދެކޮޅަށެވެ.
"އަހަރެމެން ސްކޮޓްލޭންޑް ކައިރީ ދުވި ވަރަށްވުރެ އިތުރަށް ދުވަން ޖެހޭނެ. އަހަރެމެންނަށް ބްރެޒިލާ ކުރިމަތިލާ މެޗުން ގެއްލޭނެ އެއްޗެއް ނޯންނާނެ. އެއީ 52 އަހަރު ފަހުން ވޯލްޑް ކަޕަށް އައިސް ބްރެޒިލާ ކުޅެލަން ލިބުމަކީ ގެއްލުމެއް ނޯންނާނެ ކަމެއް. އަހަރެން އުންމީދުކުރަނީ ހެއިޓީގެ ރައްޔިތުން އުފާކޮށްދިނުން. ހެއިޓީ ރައްޔިތުންނަކީ ދިރިއުޅުމުގައި ފަސޭހައަށްވުރެ އުނދަގޫ ގިނަ ދިރިއުޅުމެއް އުޅެން ޖެހިފައިވާ ބައެއް. މި މެޗުން މޮޅުވެއްޖެއްޔާ އެ ރައްޔިތުންނަށް އީދެއް ގެނެސްދެވޭނެ،" މިންޔޭ ބުންޏެވެ.
މިންޔޭ އިތުރަށް ބުނީ ސްކޮޓްލޭންޑް ބަލިނުކުރެވުނަސް އެމެޗުން ފެނުނީ ހެއިޓީއަށް ވޯލްޑް ކަޕް ހައްގުކަން ކަމަށެވެ. އަދި މުބާރާތުގެ ތެރެއިން ހެއިޓީގެ އުފާވެރި ފަރާތެއް ދައްކާލުން އެއީ ލިބޭ ޝަރަފެއް ކަމަށް އޭނާ ބުންޏެވެ.
ބްރެޒިލާއި ހެއިޓީ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ ފަތިހު ރާއްޖެ ގަޑިން 5:30 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް