މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫން ރިޔާސީ އިންތިހާބުގެ ވޯޓު ލައްވައިފިއެވެ.
ނާޒިމް ވޯޓު ލައްވާފައިވަނީ މާފަންނު މަދަރުސާއި ހުރި ވޯޓު ފޮށްޓަށެވެ. އިލްޔާސް ވޯޓު ލެއްވީ ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ހުޅުދޫ ދާއިރާގެ ވޯޓު ފޮށްޓަށެވެ. އަދި ފާރިސް ވޯޓު ލެއްވީ އަމީނިއްލާ ސްކޫލުގައި ބަހައްޓާފައި ހުރި ފޮށްޓަށެވެ.
އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ވޯޓު ލައްވައިފައެވެ.
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބަކީ އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ. ޖުމުލަ އަށް ކެންޑިޑޭޓުން ވާދަކުރައްވާ އިރު، ކެންޑިޑޭޓުންނާއި ޕާޓީތަކުގެ މެދުގައި އޮތް ވާދަވެރިކަން ބޮޑެވެ.
އާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ރިޔާސީ އިންތިހާބެއް ބޭއްވީ 2008 އެވެ. އެ އިންތިހާބުގައި ހަ ކެންޑިޑޭޓުން ބައިވެރިވެ ވަޑައިގެންނެވި އިރު، 2013ގެ އިންތިހާބުގައި ވާދަކުރެއްވީ ހަތަރު ކެންޑިޑޭޓުންނެވެ. އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.
މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޯމު ބަލައިގަނެވިފައިވަނީ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ބުނެއެވެ. އެގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީއެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމެވީ އެ ނިންމުން ރަނގަޅު ކަމަށެވެ. އެއާއެކު ޔާމީނަށް ވަނީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި 282،395 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިިބިފައިވެއެވެ. އަދި ޖުމުލަ 574 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުން، އިންތިހާބަށް އެ ކޮމިޝަން އޮތީ ތައްޔާރަށެވެ. ވޯޓު ލުން ފެށޭނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ވޯޓު ލާ މީހުންގެ ކިއު ބަންދުވާނީ ހަވީރު 4:00 ގައެވެ. ކިއު ބަންދުވާ ގަޑީގައި ކިއުގައި ތިބި އެންމެނަށްވެސް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ،