ވޯޓު ގަންނަން ހުށަހަޅާ ފައިސާއަށްވުރެ އިސްކުރަންވީ ގައުމު ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވިލިމާލެއަށް މިއަދު ހަވީރު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ވިލިމާލެއަކީ މިހާރަށްވުރެ ހިތްފަސޭހަ އަދި އުޅެން ފަސޭހަ ރަށަކަށް ހަދާނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލް އަޕްގްރޭޑްކޮށް، މަގުތައް ހަދައި، ހައުސިން މަޝްރޫއަކާއި ކުޅިވަރު ކޮމްޕްލެކްސްއެއް އަޅާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި ކަމަށާއި އެއީ ގައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އޭނާ ނުކުމެ ހުންނެވީ މިނިވަންކަން ދިފާއުކޮށް ދިވެހީންނަށް ދިވެހީންގެ ރާއްޖެއެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާ ކަމަށާއި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ވޯޓުގެ ވަގުތު އިތުރުކުރުން ކަމަށެވެ. އެހެންކަމުން ހެނދުނު ހެނދުނާ ނުކުމެ ވޯޓު އަޅައި ފޮށިތައް ފުރާލުމަށް މުއިއްޒު ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ގޯސް ގޮތަކަށް ވޯޓުލައިފިނަމަ ރާއްޖޭގެ މިނިވަންކަން ދިވެހީންގެ އަތުން ބީވެގެން ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފަހު ވަގުތުކޮޅުގައި ލިބޭ ފައިސާކޮޅުގައި ހިފައިގެން ނުވަތަ އެހެން މާއްދީ އެހީގައި ހިފައިގެން އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންގެ އަތުން ދޫކޮށްލުމަކީ ދުވަހަކު އަޅުގަނޑުމެންގެ ދަރީން މައާފުކުރާނެ ކަމެއް ނޫން،" މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ދިވެހީންނަކީ އަގެއް ނެތް ބަޔަކަށް ހަދައިފި ކަމަށާއި ނަމަވެސް އެކަން އެހެންވެގެން ނުވާނެ ކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި އަބަދުވެސް އިސްކުރާނީ ދިވެހިން ކަމަށާއި ދިވެހިންގެ މިނިވަންކަމަށް އިހުތިރާމުކުރާ ކޮންމެ ގައުމަކާއެކު ހާރިޖީ ގުޅުން ގާއިމުކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު