އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، މާލޭގައި ކުނި އުކާލުމަށް ވެމްކޯއިން ނަގަމުން އަންނަ އަގުތައް ކުޑަކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނުގައި ހެދި މުއިއްޒުގެ ކެމްޕޭން ޖަގަހަ ހުޅުވައިދެއްވުމަށްފަހު މުއިއްޒު ވިދާޅުވީ ކުނި ނެގުމުގެ ހިދުމަތައް ވެމްކޯއިން މިހާރު ނަގަނީ ވަރަށް ބޮޑު އަގެއް ކަމަށެވެ. އެ އަގުތަކުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފުތަކާ ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ދޭ ޔަގީން ކަމަކީ، އަޅުގަނޑަށް ރައްޔިތުން އިތުބާރު ކުރައްވައި މި އަންނަ ހޮނިހިރު ދުވަހުގެ ވޯޓުގައި މި މާލެ ސިޓީން ވޯޓު ދެއްވައި އިންތިހާބުކޮށްފި ނަމަ، ވެމްކޯގައި މިހިރަ އެއްގޮތަކަށްވެސް ބަލައި ނުގަނެވޭ ބޮޑު އަގުތައް ކުޑަކޮށްދީ، ރައްޔިތުންނަށް ފޯރާވަރުގެ އަގުތަކަކަށް ހަދައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުނި ނެގުމުގެ ހިދުމަތްތަކަށް ވެމްކޯއިން ނަގާ ފީތައް ބޮޑުކުރީ ކުންފުންޏަށް ފައިދާ ނުވާތީ ނޫން ކަމަށާއި ވެމްކޯގެ އަގުތައް މިހާރު ހުރި ގޮތުން ކުދި އަދި މެދުންފަންތީގެ ވިޔަފާރި ކުރާ ފަރާތްތައް ތިބީ ބަނގުރޫޓުވާން ކައިރިވެފައި ކަމަށެވެ. އަދި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ ބަޔަކު ކުންފުނީގެ ވެރިންގެ ގޮތުގައި ކަނޑައަޅައިފި ނަމަ، ކުޑަ އަގެއް ނަގައިގެންވެސް އެއީ ފައީދާވާ ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.