ޚަބަރު

އާރަށް ކުއްޔަށް ދޭން ނިންމާފައިވަނީ ނައީމަށް ކަމެއް ނޭނގޭ: ޔާމީން

މުހައްމަދު އިޝާން

ވ. އާރަށް ކުއްޔަށް ދޭން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށްކަން ނޭނގޭކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑާކުރެއްވިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ.

އެ ދެ ބޭފުޅުންގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމަކީ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

އެ ޝަރީއަތުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އާރަށަކީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ދަށުން، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށަކަށްވާތީ، އެ ރަށް ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް އެދި ސިޓީއެއް ފޮނުވި ކަމަށެވެ. ރައީސް އޮފީހުން ފޮނުވި އެ ސިޓީގެ އެއްވެސް ތަނެއްގައި ޔޫސުފް ނައީމަށް އެ ރަށް ދިނުމަށް އަންގާފައިނުވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

"ޓޫރިޒަމުން އެކި ފަރާތްތަކަށް ދޫކުރާ ރަށްތައް ދޫކުރަނީ ޓޫރިޒަމްއިން އަމިއްލައަށް. އެއީކީ ރައީސް އޮފީހާ މަޝްވަރާކޮށްފައި އަދި އެގޮތަށް ނިންމާފައި މައުލޫމާތު ދިނުމުގެ ގޮތުން ވެސް ރައީސް އޮފީހަށް ދޫކުރާ އެއްޗެއް ނޫން. އެހެންވީމަ، މި ނޮލެޖް އެސްޓަބްލިޝް ވާނެ އެއްވެސް ގޮތެއް ނޯންނާނެ. ހަމަ ތެދުތެދަށް ދަންނަވާ ކަމުގައި ވާ ނަމަ މިއީކީ، އަޅުގަނޑުގެ ހުރި ނޮލެޖެއް ނޫން" ޔާމީން ވިދާޅުވިއެވެ.

އާރަށް މި ނެގެނީ ވަކި މީހަކަށް ދޭން ކަމެއް ވެސް އަދި އާރަށް ނަގަން ރައީސް އޮފީހަށް ސިޓީއެއް ލީ ކަމެއް ވެސް ދަށު ކޯޓުގެ މަރުހަލާގައި ވެސް ސާބިތެއް ނުވޭ. މިއީ އީވައިސީގައި ހިނގައިދިޔަ ކަމެއް. ވާބަލީ ހިނގައިދިޔަ ކަމެއް"

ޔާމީން އެ ވިދާޅުވާ ސިޓީ ދައުލަތުގެ ފަރާތުން ވަނީ ޔާމީންއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައެވެ. އާރަށް ކުއްޔަށް ދޫކުރިއިރު އިކޮނޮމިކް ޔޫތު ކައުންސިލް (އީވައިސީ)ގެ ޗެއާއަކީ ކުރީގެ ނައިބު ރައީސް އަދި ޓޫރީޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށާއި، އާރަށް ޓޫރިޒަމަށް ދޫކުރީ އަދީބު އެދިވަޑައިގެން ކަމަށް ބެލެވޭކަމަށް ޔާމީން ވިދާޅުވިއެވެ.

އާރަށް ރިސޯޓު ހަދަން ދޫކުރަން އީވައިސީއަށް ނުވަތަ ޓޫރިޒަމް މިނިސްޓްރީއަށް ވެސް އަންގައިފައިނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ޓޫރިޒަމަށް ރަށްތަށް ދޫކުރުމަކީ ރައީސް އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.