- ރ. ރަސްގެތީމުން އަލީ ރިފްޝާން
ކުރިއަށް އޮތް ދައުރުގައި ރ. ރަސްގެތީމުގައި ކަލްޗަރަލް ސެންޓަރެއް ހެދުމަށާއި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ރަސްގެތީމަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލަށް ވަސީލަތްތައް ފޯރުކޮށްދީ، މަލްޓިޕާޕަސް ހޯލެއް ހަދައިދެއްވާނެ ކަމަށެވެ.
"ކުރިއަށް އޮތް ދައުރުގައި އަޅުގަނޑުމެން މި ރަށުގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދޭނަން. ސިއްހީ މަރުކަޒުގެ ހިދުމަތްތައް ފުޅާކުރުމަށް އެކްސްޓެންޝަން އިމާރާތެއް އަޅައިދޭނަން. ނެރު ފައިކަށި ދިގުކޮށް، ބަނދަރުގެ ބޭރުތޮށީގައި ދޯނިތައް އެޅޭ ގޮތަށް ހަދައިދޭނަން. އަދި މި ރަށަކީ ސަގާފީ ތަކެތި ހުރި ރަށެއް. އެހެންކަމުން އަނގޮޅިތީމުގައި ހުރި ފަދަ ކަލްޗަރަލް ސެންޓަރެއް މި ރަށުގައިވެސް ކުރިއަށް އޮތް ދައުރުގައި ހަދައިދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ރަށުގެ ރައްޔިތުން މޫދަށް އެރި، ކަސްރަތު ކޮށްލުމަށް ބޭނުންވާ މޫދަށް އެރޭ ސަރަހައްދެއް ހަދައިދެއްވާނެ ކަމަށާއި އޭގެ އިތުރުން އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދީ، ކުޑަކުދިންގެ ޕާކެއްވެސް ހަދައިދެއްވާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ދޭއިރު، ވިސްނުންތެރިކަމާއެކު ވޯޓުދިނުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ފަހަރުގެ އިންތިހާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުންނަކީ ޓެސްޓު ކުރެވިފައިވާ ކެންޑިޑޭޓުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު