ވެރިކަން ލިބިވަޑައިގެންފި ނަމަ، އއ. އަތޮޅުގައި ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި، އެ އަތޮޅު މަތިވެރި ފަޅުގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަތިވެރިއަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި އަތޮޅަކީ ޓޫރިޒަމްގެ އެންމެ ގިނަ ފުރުސަތުތައް އޮތް އަތޮޅު ކަމަށާއި އެ ސަރަހައްދަށް ޓޫރިޒަމް އިތުރަށް ފުޅާވާންޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުން ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ މި ފަޅުތެރޭގައި މިރަށާ ގުޅިގެން އެއާޕޯޓެއް ހަދާނަން އަދި ވަރަށް އަވަހަށް ކުރިއަށް ގެންދާނެ މަޝްރޫއަކަށް ހަދާނެ ވާހަކަދަންނަވަން،" ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާނީ ބޯހިޔާވަހި ކަމަށާއި މުސްތަގުބަލަށް ބޭނުންވާ އެކި ކަހަލަ މަސައްކަތްތަކަށް ބޭނުންވާ ބިން ރަށަށް އިތުރު ކުރެވޭ ގޮތަށް ރަށުގެ ބިން ހިއްކުމާއެއްކޮށް ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ދައްކާ ވާހަކައަކީ އޮޅުވާލުމެއް ކަމަށެވެ.

"ހިނގަހިނގާ އަދި ފަށަން ތައްޔާރުވެފައި އޮތް މަޝްރޫއެއް ވިޔަސް ހުއްޓައެއް ނުލާނަން، އަޅުގަނޑުމެން މި އަންނަނީ ފައްޓައިގެން ބާރަށް ކުރިއަށް ގެންދަން، ހަމައެކަނި ބާރަކަށް ނޫން ރައްޔިތުން ބޭނުވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމަ ދޭނަން، އިންތިހާބާ ދިމާކޮށް ކަނޑަޖަހަން ސޮއިކޮށްފައި ހުރި އެގްރިމެންޓްތައްވެސް އެބަހުރި ބައެއް ރަށްރަށުގައި އެހެންހުރި މަޝްރޫއުތައް ހިމަނައިގެން ކުރިއަށް ގެންދާނީ،" މުއިއްޒު ވިދާޅުވިއެވެ.