• ހދ. މަކުނުދޫން އަލީ ރިފްޝާން

ހދ. މަކުނުދޫގެ ފަޅުގައި އިތުރު ރިސޯޓެއް ހެދުމަށް ހުޅުވާލުމަށާއި ރޭސިން ޓްރެކެއް ތަރައްގީކޮށްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

މި ރަށަށް ވަޑައިގެން، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ރިސޯޓެއްގެ ވައުދުވެވަޑައިގެންފައިވާ އިރު، މިހާރުވެސް މި ރަށުގެ ފަޅުގައި ދަނީ ރިސޯޓެއް ތަރައްގީ ކުރަމުންނެވެ. އެއީ މަކުނުދޫ ފަޅުގައި އޮންނަ ދިއްޕަރުފުށީގައި ސޮނޭވާ އިން ތަރައްގީކުރާ އާ ރިސޯޓެވެ. "ސޮނޭވާ ސީކްރެޓް"ގެ ނަމުގައި އެ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަކުނުދުއަކީ ފަތުރުވެރިންގެ ޝައުގުވެރިކަން އުފެދޭ ފަދަ ތަފާތު ކަންތައްތަކެއް ހިމެނޭ ރަށެއް ކަމަށާއި މިއީ ފަތުރުވެރިކަމަށް އެންމެ ރަނގަޅު އެއް ރަށް ކަމަށެވެ.

"މިއީ ތަފާތު ރަށެއް. މިހާރުވެސް މި ރަށުގެ ފަޅުގައި އެ ދަނީ ރިސޯޓެއް ތަރައްގީކުރަމުން. ކުރިއަށް އޮތް ތަނުގައިވެސް މަކުނުދޫގެ ފަރުގައި އިތުރު ރިސޯޓެއް ހެދުމަށް ހުޅުވާލާނަން. އެއާޕޯޓު މަސައްކަތުގެ ތެރެއިން ދޭއް ނުވަތަ ތިން ރަށް ހިއްކާނެ. އޭގެ އިތުރަށްވެސް މި ރަށުގައި ބޮޑު ފަޅެއް އެބަ އޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މި ރަށުގެ ބިން ހިއްކައި، ރައްޔިތުންނަށް ބޭނުންވާ ހައުސިން ޔުނިޓު ހަދައިދެއްވާނެ ކަމަށާއި ޒުވާނުން ބޭނުންވާ ގޮތަށް ފުޓުބޯޅަ ދަނޑެއްވެސް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

"ބޮޑެތި މަގުތަކުގައި ތާރު އަޅައިދީ، ޒަމާނީ ފެންވަރަށް ހަދައިދޭނަން. ޒުވާނުން ބޭނުންވާ ފުޓުބޯޅަ ދަނޑާއެކު ކުރިއަށް އޮތް ދައުރުގައި މި ރަށުގައި ރޭސިން ޓްރެކެއް އަޅައިދޭނަން. މި ރަށުގެ ބަނދަރު ފުންކޮށްދީ، މަސްވެރިންނަށް ބޭނުންވާ އައިސް ޕްލާންޓެއް ބަހައްޓައިދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިސޯޓުތައް ހެދުމަށް ހުޅުވާލުމާއެކު މެރިކަލްޗާ ސަރަހައްދެއް ކަނޑައަޅައި، އެކަމަށްވެސް ހުޅުވާލާނެ ކަމަށެވެ.