- ހދ. ނައިވާދޫން އަލީ ރިފްޝާން
ކުރީ ސަރުކާރުން ޕެޕާ ސްޕްރޭއަށް އެތައް ފައިސާއެއް ހަރަދުކޮށްގެން ހުސްކުރީ ރައްޔިތުންގެ ލޮލަށާއި ކަރަށް ޖަހައިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިރޭ ހދ. ނައިވާދުއަށް ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގެ އަނިޔާވެރިކަން ރައްޔިތުންގެ ހަނދާނުގައި އަދިވެސް ހުންނާނެ ކަމަށެވެ.
"ވިސްނާލައްވާ ކުރީ ސަރުކާރުގައި ކަރުނަ ގޭހަށް ދައުލަތުން ހަރަދު ކުރި ވަރު. އެ ޖަހައި ހުސްކުރީ ރައްޔިތުންގެ ލޮލަށް، ކަރު ތެރެއަށް ޖަހައިގެން. އެ ބޭފުޅުން ރާއްޖެ ތަރައްގީ ކުރާނަމޭ، ނޫސްވެރިކަމުގެ މިނިވަންކަން ދޭނަމޭ، އަނިޔާވެރިކަން ނައްތާލާނަމޭ ބުނެ، އެ އުޅެނީ އަނެއްކާވެސް އަނދިރިކަމުގެ ތެރެއަށް ވައްޓާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނޫސްވެރިންނާއި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން އަދި ދީނީ އިލްމުވެރިންވެސް ކުރީ ސަރުކާރުގެ އަނދިރި ދުވަސްތައް ދެކެން ބޭނުން ނުވާނެ ކަމަށާއި އެ ދުވަހު އާއިލާތައްވެސް ތިބީ ގަނޑުކޮށް ޖަލުގައި ކަމަށެވެ.
"އަޅުގަނޑުމެން މިއީ އެ މަންޒަރު ގާތުން ދުށް މީހުން. އެއީ އެއްވެސް ރައްޔިތަކު ދެކެން ހެޔޮވާ ވަރު މަންޒަރެއް ނޫން. މިހާރު އައި ބަދަލު ތިޔަ ބޭފުޅުންނަށް ފެންނާނެ. ޑިގްރީ ހޯދާކަށް މިއަދު އަމިއްލަ ޖީބުން ހަރަދުކުރާކަށް ނުޖެހޭނެ. ނަރުދަމާ ނިޒާމު އެޅިގެން އެ ދަނީ. ގާނޫނަކުން މިއަދު މިނިމަމް ވޭޖް ކަނޑައެޅިއްޖެ، ދެން އެއެއް ބަދަލެއް ނުކުރެވޭނެ. ސާވިސް ޗާޖުވެސް ގާނޫނަކުން އެ އޮތީ ކަނޑައެޅިފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 30 އަހަރު ފަހުން މާލޭ ސަރަހައްދުން ގޯތި ދޭން ނިންމީ ވެސް މި ސަރުކާރުން ކަމަށާއި އެ މަސައްކަތް ނިންމާލާނީ މާލެއިން ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް އެކަން ހަމަޖައްސައި ދިނުމަށްފަހު ކަމަށެވެ. އަދި މިހާރު މިނިވަން މުއައްސާތަކާއި ޝަރުއީ ދާއިރާވެސް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު