- ހދ. ނައިވާދޫން އަލީ ރިފްޝާން
އެކިއެކި ދާއިރާތަކުގެ ބޭފުޅުން ގަނޑުކޮށް އެ މަނިކުފާނާ އެއްކޮޅަށް އަރާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިރޭ ހދ. ނައިވާދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނަނީ އެއް މަންޒަރެއް ކަމަށާއި އެއީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭ މަންޒަރު ކަމަށެވެ.
"ފެންނަނީ އެކިއެކި ދާއިރާތަކުގެ ބޭފުޅުން ގަނޑުކޮށް އަޅުގަނޑުމެންނާ އެއްކޮޅަށް އަރާ މަންޒަރު. ޓޫރިޒަމް އިންޑަސްޓްރީގެ ޖަމިއްޔާ، ޓީމްވެސް މިއަދު އަޅުގަނޑުމެންނާ ގުޅިއްޖެ. މީގެ ދެ ރޭ ކުރިން ފަންނާނުންގެ ތެރެއިންވެސް އެތައް ބަޔަކު އަޅުގަނޑުމެންނާ އެއްކޮޅަށް އެރި. މި ހިސާބުން މި އޮތީ އިންތިހާބު ނިމިފައި. ނުވައެއް ސެޕްޓެމްބަރުގައި ވޯޓު ނުގާ އިރު، މިހާތަނަށް އެންމެ ބޮޑު ތަފާތަކުން އިންތިހާބެއް ކާމިޔާބުކުރާ ފަހަރަށް ވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގައި ހުންނެވި ފަސް އަހަރު ވެގެންދިޔަ ގޮތް އެންމެންގެ ހަނދާނުގައި އަދިވެސް ހުންނާނެ ކަމަށާއި އެ ބޭފުޅުން ރާއްޖެ ތަރައްގީ ކުރާނަމޭ، ނޫސްވެރިކަމުގެ މިނިވަންކަން ދޭނަމޭ، އަނިޔާވެރިކަން ނައްތާލާނަމޭ ބުނެ، އެ އުޅެނީ އަނެއްކާވެސް އަނިދަރިކަމުގެ ތެރެއަށް ވައްޓާލަން ކަމަށެވެ.
"އެހެން ބުންޏަސް ނަމަނަމަ އެ ބޭފުޅުންނަށް ވޯޓު ނުދެއްވައްޗޭ. އެއްވެސް ނޫސްވެރިޔަކު އެ ދުވަސް ދެކޭކަށް ބޭނުމެއް ނުވާނެ. ސިޔާސީ ބޭފުޅުން އެ ދުވަސް ދެކޭކަށް ބޭނުމެއް ނުވާނެ. އެއްވެސް ވިޔަފާރިވެރިޔަކު، ދީނީ އިލްމުވެރިންވެސް އެ ދުވަސް ދެކެން ބޭނުމެއް ނުވާނެ. އެ ދުވަހު އާއިލާތައްވެސް ގަނޑުކޮށް ތިބީ ޖަލުގައި. އަޅުގަނޑުމެން މިއީ އެ މަންޒަރު ގާތުން ދުށް މީހުން. އެއީ އެއްވެސް ރައްޔިތަކު ދެކެން ހެޔޮވާ ވަރު މަންޒަރެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި ނައިވާދުއަށްވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މި ރަށުގެ ބިން ހިއްކުމާއި ބޮޑެތި މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމާއި ފުޓުބޯޅަ ދަނޑާއެކު ސްޕޯޓްސް އެރީނާއެއް ހަދައިދެއްވުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު