އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދެންނެވުމަށް ނުކުތް މީހުންނާއެކު މި ރަށު ބަނދަރުމަތި އޮތީ ފުރިފައެވެ. އަދާލަތު ޕާޓީގެ މެންބަރުންވެސް ގިނަ މި ރަށުގެ މަލަމަތިން ފެނުނީ ފެއްސާއި ރީނދޫ ކުލައެވެ. އެ މަނިކުފާނު މަކުނުދުއަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރެއްވުމުގައި 30 ވަރަކަށް މިނެޓު ހޭދަކުރެއްވި އިރު، އެ އެންމެންގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. ހިތްހަމަޖެހުމެވެ. އޭގެ ހެއްކަކީ ހދ. އަތޮޅުން ރައީސަށް ލިބިވަޑައިގެންނެވި އެންމެ ހޫނު މަރުހަބާ ކިއީ މި ރަށުން ކަމެވެ.

މަކުނުދޫއަކީ ހދ. އަތޮޅުން ވަރަށް އެކަހެރިކޮށް އޮންނަ ރަށެކެވެ. މި ރަށު މީހުން ބުނާގޮތުން ނަމަ، އެކަހެރިކޮށް އޮތުމުގެ އިތުރުން ކުރީގެ ސަރުކާރުތަކުން ތަރައްގީ ގެނައުމުގައިވެސް މި ރަށް އޮތީ ވަރަށް ބޮޑަށް ބާކީކޮށްލައިފައެވެ. އަސާސީ ހިދުމަތްތަކާއި ބޭސްފަރުވާގެ ހިދުމަތްތައް ލިބޭ ވަރަށް ތަރައްގީވެފައި ނުވުމުން، މީގެ ކުރިން މި ރަށު ރައްޔިތުން ގިނަ ތަކުލީފުތަކެއް އުފުލަންޖެހެއެވެ.

އެ އެކަހެރިކަމާއި ތަފާތުކުރުންތައް ނައްތާލައި، ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެ ކަންކަމަށް ލުއިތަކެއް ގެެނެސްދީފައެވެ. އެގޮތުން މި ރަށަށް އެންމެ ފުރަތަމަ ގެނައި އުފާވެރިކަމަކީ އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އެވެ. އެއާއެކު ދަތުރުތައް ކުރުމަށް ކުރަން ޖެހުނު ބޮޑު ހޭދައަށް ނިމުމެއް އައެވެ.

"ކުރިން އަޅުގަނޑުމެން ހަނިމާދޫ އެއާޕޯޓަށް ދަތުރުކުރުމަށް އަޅުގަނޑުމެން 11،000 ރުފިޔާ ހޭދަކުރަންޖެހޭ. އެކަމަކު މިހާރު އެކަމަށް ބޮޑު ލުޔެއް ލިބިއްޖެ. މިހާރު 100 ރުފިޔާއަށް ދަތުރުކޮށްލެވޭ. ދެން ވިސްނާލައްވާ އަޅުގަނޑުމެންނަށް ލިބޭނެ ލުއި،" މި ރަށުން 'ވަން'އާ ވާހަކަދެއްކި މެދު އުމުރުގެ މީހަކު ބުންޏެވެ.

މަކުނުދުއަށް އާރުޓީއެލްގެ ހިދުމަތް ލިބުމަކީ ބޮޑު އުފަލަކަށްވީ ނަމަވެސް، ގަދަ ކަނޑެއް ހުރަސްކޮށް އެއާޕޯޓުތައް ދާން ޖެހުމުން، އެ ތަކުލީފު މި ރަށުގެ ރައްޔިތުންނަށް އަދިވެސް އޮވެއެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތުގައި ދަތުރުކުރަން ޖެހިއްޖެ ނަމަ، ކަނޑުގަދަކަމުން އެއާޕޯޓުތަކަށް ދާން ޖެހުމަކީ ބޮޑު ވޭނެކެވެ. ބިރެކެވެ.

އެ ތަކުލީފަށް މުޅިން ހައްލެއް ހޯދައިދިނުމަށް ރައީސް ސޯލިހު ވަނީ މި ރަށުގައި އެއާޕޯޓެއް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އެ މަސައްކަތަށް މިއަދު ބިން ހިއްކަން ފެށުމާއެކު، 1800 މީހުންގެ އާބާދީއެއް އޮންނަ މަކުނުދޫގެ ރައްޔިތުންގެ އެއާޕޯޓުގެ ހުވަފެނަށް ވަނީ ބޮޑު އުންމީދެއް ލިބިގެން ގޮސްފައެވެ.

މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޖުމުލަ 16 މިލިއަން ޑޮލަރު (245 މިލިއަން ދިވެހި ރުފިޔާ) އަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 366 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި މި އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަކުނުދޫގައި ހަދަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

"މިއީ ދުވަހަކުވެސް ނުވާހާ ވަރަށް އުފާވި ދުވަހެއް. އެންމެންގެ އިހުސާސްތައްވެސް ހުރީ އެހެން. އެއާޕޯޓް ހެދުމުގެ މަސައްކަތާއެކު، އެކަމުގެ އުފާ ލިބެނީ ހަމައެކަނި ރައީސަށް ތާއީދުކުރާ މީހުންނަށް ލިބޭ އުފަލެއް ނޫން. މިއީ ހުރިހާ ރައްޔިތުންނަށް ލިބޭނެ އުފަލެއް. ރައީސަކީ މަކުނުދޫ ތަރައްގީގެ ބާނީ. އެކަހެރިކަމަށް މިއައީ ނިމުމެއް،" މުސްތަފާ މުހައްމަދު ނަމަކަށް ކިޔާ މި ރަށުގެ ޒުވާނަކު "ވަން"އާ ވާހަކަދައްކަމުން ބުންޏެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ އިތުރުން މި ސަރުކާރުން މިހާރުވެސް ވަނީ މި ރަށުގައި ގިނަ މަޝްރޫތަކެއް ފަށައިފައެވެ. އެގޮތުން މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، އައުޓްޑޯ ޖިމް ގާއިމުކުރުމާއި، ކުޑަކުދިންގެ ޕާކު ތަރައްގީކުރުމާއި، މަކުނުދޫ ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ. އޭގެ އިތުރުން މަކުނުދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ހެދުމާއި ކުނި މެނޭޖުކުރާ މަރުކަޒެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.