ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނޮޅިވަރަންފަރުން އަތޮޅު ސެމީ ފައިނަލާ ގާތަށް ޖެހިލި އިރު، ނޭކުރެންދޫއާއި ނައިވާދޫގެ އިތުރުން ފިނޭއިންވެސް ދެވަނަ މޮޅެއް ހޯދައިފިއެވެ.
ހދ. އަތޮޅުންވެސް މިފަހަރުގެ މުބާރާތުގައި 10 ޓީމަކުން ވާދަކުރަމުން އަންނަ އިރު، މިހާތަނަށް އެންމެ ފޯމު ރަނގަޅުކޮށް އޮތީ ގްރޫޕް އޭގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފައި އޮތް ނޮޅިވަރަންފަރެވެ. އެޓީމުން ރޭ މަކުނުދޫ ބަލިކުރީ 3-1 އިންނެވެ.
ނޮޅިވަރަރަންފަރުގެ ގޯލްތައް ޖަހައިދިނީ އާދަމް ސައީދާއި މުހައްމަދު ސަމީހު ހަސަން ފަޔާޒުގެ އިތުރުން އަކްރަމް އަބްދުލް ރަޝީދެވެ. މަކުނުދޫގެ ގޯލް ޖަހައިދިނީ ސައިފުﷲ އަލީއެވެ.
އެ ގްރޫޕުގެ ދެވަނައިގައި އޮތް ހދ. ނޭކުރެންދޫންވެސް ކުޅުނު ދެމެޗުން ދެ މޮޅު ހޯދާފައިވާ އިރު، އެޓީމުން ރޭ ނޮޅިވަރަމް ބަލިކުރީ 4-1 އިންނެވެ. ނޭކުރެންދޫގެ ގޯލްތައް ޖެހީ އާދަމް ނަޝްވާނާއި މުހައްމަދު ވިލްފް އަދި އަހުމަދު ޖަޒްލާނެވެ. ނަޝްވާން މެޗުގައި ދެ ގޯލް ޖެހިއެވެ. ނޮޅިވަރަމުގެ ގޯލް ޖެހީ މުހައްމަދު އިކްރާމެވެ.
އެ ގްރޫޕްގެ ތިންވަނައިގައި އޮތް ހަނިމާދޫއާށް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް އަދި ސެމީގެ ފުރުސަތު އެބައޮތެވެ. ނޮޅިވަރަމާއި މަކުނުދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
އެ އަތޮޅުގެ އެންމެ ކާމިޔާބު ޓީމު، ނައިވާދޫން ރޭ ދެވަނަ މެޗުންވެސް މޮޅުވި އިރު، އެޓީމުން ކުމުންދޫ ބަލިކުރީ 2-1 އިންނެވެ. ވާދަވެރިކޮށް ފެނުނު އެންމެޗުގައި ނައިވާދޫގެ މުހައްމަދު އަސްލަމްގެ ގޯލެއް ފެނުނު އިރު، އަނެއް ގޯލަކީ އަލީ ހަސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ކުމުންދޫގެ ގޯލް ޖެހީ ފަހުމާން އަބްދުލް ހަމީދެވެ.
އެ ގްރޫޕްގެ އެއްވަނައިގައި ނައިވާދޫ މިވަގުތު އޮތް އިރު، ދެވަނައިގައި ފިނޭ އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އެޓީމުން ރޭ ދެވަނަ މޮޅެއް ހޯދީ 4-3 އިން ނެއްލައިދޫ ބަލިކޮށްގެންނެވެ.
ފިނޭގެ ގޯލްތައް ޖަހައިދިނީ މުހައްމަދު ޝާނިހް، އަހުމަދު އަފްރާހް، އަހުމަދު މާޖިދާއި އަޒްވާން ތޯހާއެވެ. ނެއްލައިދޫގެ ތިން ގޯލްވެސް ޖެހީ މުހައްމަދު ޒިހާނެވެ.
އެ ގްރޫޕުގައި ކުމުންދޫއާއި ނެއްލައިދޫއަށްވެސް ތިން ޕޮއިންޓް ލިބިފައިވާ އިރު، ކުމުންދޫއަށް ބާކީ އަދި ދެމެޗު އެބައޮތެވެ. އަދި ނެއްލައިދޫއަށް ބާކީ މެޗެއް އޮތް އިރު، ގްރޫޕް އޮތީ ފޯރިގަދަކޮށެވެ. ޕޮއިންޓެއް ނުލިބި މި ވަގުތު އޮތީ ވައިކަރަދުއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެ އެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް