ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅު، އަތޮޅު ބުރުގައި ނޮޅިވަރަންފަރުން ދެވަނަ މޮޅެއް ހޯދި އިރު، ނޭކުރެންދުއާއި ކުމުންދޫގެ އިތުރުން ފިނޭވެސް ކުޅުނު މެޗުތަކުން މޮޅުވެއްޖެެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލެ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ހދ. އަތޮޅުން 10 ޓީމު ވާދަކުރަމުން ދެއެވެ.

އެ އަތޮޅުގެ ދެވަނަ ރޭގެ މެޗުތައް ރޭ ކުޅެފައިވާ އިރު، ގްރޫޕް އޭގައި ނޮޅިވަރަންފަރުން ކުޅުނު ދެވަނަ މެޗުގައި ރޭ ހަނިމާދޫ ބަލިކުރީ 2-0 އިންނެވެ. ރޭގެ މެޗަށް ނުކުތް އިރުވެސް ފުރަތަމަ ކުޅުނު މެޗުން ދެޓީމުވެސް މޮޅުވެފައި އޮތް އިރު، ނޮޅިވަރަންފަރުގެ ގޯލްތައް ރޭ ޖަހައިދިނީ މުހައްމަދު ސާމިހް ފަތުހުﷲއާއި އަކްރަމް އަބްދުލް ރަޝީދެވެ.

އެ ގްރޫޕުގައި ނޭކުރެންދޫން ކުޅުނު ފުރަަތަމަ މެޗުގައި ރޭ މަކުނުދޫ ބަލިކުރީ 4-1 އިންނެވެ. މަކުނުދޫން މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ އިރު، ނޭކުރެންދޫގެ ގޯލްތައް ޖަހައިދިނީ އަލީ އިފާޒާއި މުހައްމަދު އަބާން އިމްރާން އަދި މުހައްމަދު ފަރުހާނެވެ. އިފާޒް ވަނީ މެޗުގައި ދެ ގޯލް ޖަހަދީފައެވެ.

މަކުނުދޫގެ ހަމައެކަނި ގޯލް ޖަހައިދިނީ އިބްރާހީމް ސަވީއެވެ.

ނޭކުރެންދޫން ކުޅުނު މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެ އަތޮޅުގެ ގްރޫޕް ބީގައި ކުމުންދޫން ފެށުން ރަނގަޅުކުރީ ރޭ ނެއްލައިދޫ ބަލިކޮށްގެންނެވެ. ކުމުންދޫގެ ގޯލްތައް ފަހުމާން އަބްދުލް ހަމީދާއި އަބްދުﷲ ހަސަން ޖަހައިދިން އިރު، ނެއްލައިދޫވެސް ކުރިން ކުޅުނު މެޗުންވަނީ މޮޅުވެފައެވެ. އެޓީމަށްވެސް އަދި އުންމީދު އެބައޮތެވެ.

އެ ގްރޫޕުގައި ފިނޭއިން އުންމީދު ހޯދީ ރޭ ވައިކަރަދޫ ކައިރިން 6-1 ގެ ތަފާތު ބޮޑު މޮޅެއް ހޯދައިގެންނެވެ. ފިނޭގެ އަލީ މިސްބާހާއި އަޒްވާން ތޯހާ އަދި އަލީ ނާއިފް، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލް ޖަހައިފައެވެ. ވައިކަރަދޫގެ ގޯލް ޖެހީ އަލީ އަބްދުﷲއެވެ.

ފިނޭއިން ގޯލް ޖަހައި އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ.

މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަރަކާތްތެރިވާ އިރު، މުބާރާތުގެ އެންމެފަހުގެ އަޕްޑޭޓްތައް "ވަން"އިން ގެނެސްދެމުންދާނެއެވެ.