އޭނާގެ ވެރިކަމެއްގައި ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަަނަލް ފެންވަރަށް ތަރައްގީކޮށް، ލ. އަތޮޅުގައި އިތުރު އެއާޕޯޓަކާއި ޓްރާންޝިޕްމެންޓް ބަނދަރެއް ހަދައިދޭން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މި މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ. ފޮނަދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ލ. އަތޮޅުގައި އިތުރު ރިސޯޓެއް ހަދައިދޭނެ ކަމަށެވެ. އަދި ހުވަދުއާއި ލ. އަތޮޅާ ދޭތެރޭގައި އޮންނަ ކަނޑަކީ ސައުތް ކޯސްޓް އެފްރިކާއިން އޭޝިއާ ބައްރަށް ދެކޮޅަށް ދުއްވާ ގިނަ މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވާތީ ޓްރާންޝިޕްމަންޓް ބަނދަރެއް ހަދައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"ލ. ގާދޫއަކީ ޓްރާންޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ފެސިލިޓީ ހިމެނޭ ތަނަކަށް ހަދައިދޭނަން. ފޮނަދުއާއި ގާދޫއާ ދޭތެރޭ އޮތް ޖާގަ ހިއްކައިގެން ރިސޯޓެއް ގާއިމުކޮށްދޭނަން. އަދި މިރަށާއި ރިސޯޓާއި ރިސޯޓާއި ގާދޫއާއި އެއްގަމު ކޯޒްވޭއަކުން ގުޅާލާނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ފޮނަދޫގައި ޔުނިވާސިޓީއެއް ގާއިމުކޮށް, އެ ތަނުގެ ތެރޭގައި ލޭންގުއޭޖް ސްކޫލެއް ހަދައިދޭންވެސް ވައުދުވެވަޑައިގެންފައެވެ. އަދި އެ ރަށުގެ ބަނދަރު ތަރައްގީކޮށް، އޮފީސް އިމާރާތެއް އަޅައިދީ، ކޮންވެންޝަން ސެންޓަރެއް ހެދުމުގެ އިތުރުން ގަމުގެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ބަރެސްދޫގައި ފަތުރުވެރިކަން ހިންގާނެ ކަމަށް ވިދާޅުވިއެވެ.
ލ. އަތޮޅަކީ އާބާދީއާއި ތަރައްގީ އެއްފަސް ކުރުމުގެ އުއްމީދު ވަރަށް ބޮޑަށް އޮތް އަތޮޅެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެކަން ކުރުމުގެ ގޮތުން ފޮނަދޫ ބިން ހިއްކައި ހައުސިން މަޝްރޫއެއް ހިންގާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު